ސާމަރާ ދޫނި ހޯދައި ވެރިމީހާއާ ހަވާލުކޮށްފި
ސާމަރާ ދޫނި ހޯދައި ވެރިމީހާއާ ހަވާލުކޮށްފި

ސޯޝަލް މީޑިއާގައި އުޅޭ ގިނަ މީހުން މި ދެ ދުވަހު އެންމެ ބޮޑަށް ލޯ ހުއްޓިފައި ވަނީ މާލޭގެ ގެއެއްގައި އިން ސާމަރާ ދޫންޏެއް ގެއްލިގެން އުޅޭ ވާހަކަ އިންނެވެ. ގެއްލުނު ސާމަރާ ދޫނީގެ ފޮޓޯތައް، ހާއްސަކޮށް ގެއެއްގެ ފުރާޅުމަތީގައި އިން އެ ދޫނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ. މާލެ އިން މަދުން ނޫނީ ނުފެންނަ ވައްތަރުގެ އެ ދޫނި ހޯދުމުގެ މަސައްކަތް ފެށި އެވެ.

ސާމަރާ ދޫނި ހޯދައި ވެރިމީހާއާ ހަވާލުކޮށްފި
ސާމަރާ ދޫނި ހޯދައި ވެރިމީހާއާ ހަވާލުކޮށްފި

ގެއެއްގެ ފުރާޅުމަތީގައި މަޑުކޮށްލައިގެން އިން ސާމަރާ ދޫނީގެ ފޮޓޯ ނެގުމަށް ފަހު، ސޯޝަލް މީޑިއާގައި އާންމު ކުރި މީހާ ބުނީ ދޫނި ފެނުނީ ހެންވޭރު ސްޓޭޑިއަމް ކައިރީ ހުރި ގެއެއްގެ މަތިން ކަމަށެވެ. އެތަނުގައި މަޑުކޮށްލައިގެން އިންތާ މާ ގިނަ އިރު ނުވަނީސް، ދޫނި އުދުހިގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ.

ސާމަރާ ދޫނި ގެއްލުމާ ގުޅިގެން ސޯޝަލް މީޑިއާގައި "ފައިންޑް ދަ ޕީކޮކް" ކިޔައި ޓެގެއް ހަދައި ސާމަރާ ދޫނީގެ ވާހަކަ އިތުރަށް ވައިގައި ހިއްޕާލި އެވެ. އަދި ފުލުހުން ވެސް ދޫނި ހޯދުމުގެ މަސައްކަތް ފެށި އެވެ. އަދި އެ ދޫނި ފެނިފައިވަނީ ގެއްލިގެން ހޯދާތާ ގާތްގަނޑަކަށް ތިން ދުވަސްވީ ފަހުންނެވެ.

ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯއެއްގައި ފުލުހަކު، ސާމަރާ ދޫންޏެއް ހިފަހައްޓައިގެން ހުރި ފޮޓޯއެއް ފެނުމާއެކު، ސާމަރާ ދޫންޏާ މެދު ކުރެވޭ ބަހުސް އިތުރަށް ހިނގި އެވެ.

ބައެއް މީހުން ގަބޫލު ކުރި ގޮތުގައި ސާމަރާ ދޫންޏަކީ ރާއްޖެ އަށް އެތެރެ ކުރުން މަނާ އެއްޗެއް ކަމަށްވާތީ އޭތި "ހައްޔަރު" ކުރީ އެވެ. އެކަމަކު، އެ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ދޫނި ހޯދައި އޭގެ ވެރިފަރާތާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އަދި އެ ވައްތަރުގެ ސާމަރާ ދޫންޏަކީ އެތެރެކުރުން މަނާ އެއްޗެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން ކުޑަކުދިންގެ ބަގީޗާގައި ސާމަރާ ދޫނިތަކެއް ގެންގުޅުނެވެ.