އުމުރުން ދުވަސްވާ ފަހުން ކުރާ ކައިވެނިތައް ރޫޅުމުގެ ފުރުސަތު ބޮޑު
އުމުރުން ދުވަސްވާ ފަހުން ކުރާ ކައިވެނިތައް ރޫޅުމުގެ ފުރުސަތު ބޮޑު

ކައިވެނިކުރާ އުމުރާއި ކައިވެނީގެ އުމުރާ ގުޅުން އެބަހުރި ކަމަށް އެމެރިކާގެ ޔުޓާ ޔުނިވަސިޓީގެ ފެމިލީ އެންޑް ސޯޝޮލޮޖީ ޕްރޮފެސަރު ނިކޮލަސް ވުލްފްފިންގާ ވިދާޅުވެއްޖެ އެވެ.

އުމުރުން ދުވަސްވާ ފަހުން ކުރާ ކައިވެނިތައް ރޫޅުމުގެ ފުރުސަތު ބޮޑު
އުމުރުން ދުވަސްވާ ފަހުން ކުރާ ކައިވެނިތައް ރޫޅުމުގެ ފުރުސަތު ބޮޑު

އޭނާ ވިދާޅުވި ގޮތުގައި 20-30 އަހަރާ ދެމެދު ކައިވެނި ކުރާ މީހުންގެ ކައިވެނީގެ ގުޅުން އަބަދަށް ދެމެހެއްޓި، އެ ގުޅުމުގެ ބަދަހިކަން ބޮޑުވުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު އުމުރުން 35 އަށް ވުރެ މައްޗަށްދާ ފަހުން ކައިވެނި ކުރާ މީހުންގެ ގުޅުން ދަމަހަައްޓަން އުނދަގޫވެ، ވަރިފަށަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށް ނިކޮލަސް ވިދާޅުވެ އެވެ.

މިކަމަށް ބާރު ދިނުމަށް އޭނާ ވަނީ ނެޝަނަލް ސާވޭ އޮފް ފެމިލީ ގްރޯތު (އެންއެސްއެފްޖީ) އިން 2006-2010 އަށް ކުރި ކައިވެނިތަކެއްގެ މައުލޫމާތު އެއްކޮށްފަ އެވެ. އެ ސާވޭ އަށް ބޭނުން ކުރި އުމުރުން 15-44 އަހަރާ ދެމެދު މީހުންގެ ކައިވެނިތަކަށް ބަލާއިރު، ޒުވާން އުމުރުގައި ކައިވެނި ކުރި މީހުންގެ ކައިވެނި ދެމެހެއްޓިފައިވާ އިރު، އުމުރުން ދުވަސްވާ ފަހުން ކުރި ގިނަ ކައިވެނިތައް ރޫޅިފައިވެ އެވެ.

މި ނަތީޖާތަކަށް އިޝާރާތްކޮށް ނިކޮލަސް ވިދާޅުވި ގޮތުގައި އުމުރުން 28-32 އާ ދެމެދު ކުރާ ކައިވެނިތައް ރޫޅުމުގެ ފުރުސަތު ކުޑަ އެވެ.

"މާނައަކީ ތިރީސް ފަހަކުން މައްޗަށްދާ ފަހުން ކުރާ ކައިވެނިތައް ރޫޅުމުގެ ފުރުސަތު ބޮޑޭ. އެހެންވެ ކައިވެނި ކުރަން ހަގީގަތުގައި އެންމެ ރަނގަޅީ އުމުރުން ތިރީސް އަހަރުވުމުގެ ކުރިން،" އޭނާ ވިދާޅުވި އެވެ.

ކައިވެނީގެ ގުޅުމާ ބެހޭ ކޮންސަލްޓަންޓެއް ކަމަށްވާ ޝީލާ މެކިންޓޮސް ސްޓްވާޓް ވިދާޅުވި ގޮތުގައި ތަންކޮޅެއް ފަހުން ކައިވެނި ކުރަން މަޑު ކުރުމަކީ ގޮންޖެހުންތަކަކާ ވެސް ކުރިމަތި ވާނެ ކަމެކެވެ. އޭނާ އަދި ފާހަގަކުރި ގޮތުގައި ބައެއް މީހުން ކައިވެނި ކުރުން ލަސްކުރާ އެއް ސަބަބަކީ "އަމިއްލަ އެދުން ބޮޑުވުމެވެ."

އެގޮތުން ކެރިއާ އަށް ފޯކަސްކޮށް މަތީ މަގާމަކަށް ދާން ޝައުގުވެރިވުމާއި ކައިވެނިކޮށްގެން ދަރިން ހޯދައިގެން އެ މީހުންނަށް ވަގުތު ދެވެން ނެތުން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ޝީލާ ވިދާޅުވި އެވެ.

"އެކަމަކު ލަހުން ކައިވެނިކޮށްފައި ދަރިން ހޯދައިގެން ހުރިހާ ޒިންމާތަކެއް އެއް ފަހަރާ ނަގަން ޖެހުނީމަ ދިމާވާ މައްސަލަތައް މާ ގިނަ ވާނެ،" އޭނާ ވިދާޅުވި އެވެ. "ނަތީޖާއަކަށް ވާނީ ކައިވެނި ދަމަހައްޓަން އުނދަގޫވުން."