12 މެއި 2018 - 16:09

ބަރުލަމާނީ ނިޒާމެއް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާނެ ކެންޑިޑޭޓަކު ކަނޑައަޅަން އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ނަޝީދުގެ ކެމްޕޭން އިފުތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް، ނަޝީދު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް، ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމަނިކުފާނަށް ތާއީދު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަދި މިހާރު އޮތް މަޖިލިސް އިތުރު އެއް އަހަރަށް އިތުރުކޮށް ރަނގަޅު ހަރުދަނާ ޖުޑިޝަރީއެއް ގާއިމްކޮށް ފުލުހުންނާއި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް ދެން ބަރުލަމާނީ ނިޒާމެއް ގެންނަން ތާއީދު ކުރުމަށް އަޅުގަނޑު އެދޭނަން." ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ދާދިފަހުން ގުޅިވަޑައިގެންނެވި، ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ތެރެއިން ވެރިކަން ކުރަން ހިފުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި ޕާޓީތައް ގުޅިގެން ގާނޫނު އަސާސީއަށް ގެނައި ބަދަލަކީ އެތައް ނުބައެއްގެ ފެށުން ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ރާއްޖެއަށް ބޭނުންވަނީ ތެދުވެރި ލީޑާޝިޕެއް، ގާނޫނު އަސާސީ އިސްލާހުކޮށް ޖުޑީޝިއަރީ އާއި ލޯ އެންފޯސްމަންޓް އެޖެންސީ ތަކުގެ މިނިވަންކަން ގާއިމްކުރަން ޖެހޭ،" އިދިކޮޅު ޕާޓީތަކުން އުފެއްދި ކޯލިޝަން، އެމްއޯޔޫގެ ލީޑަރު، ޑރ. ޖަމީލް ވިދާޅުވި އެވެ.
އާ ގާނޫނު އަސާސީ އެކުލަވާލި އިރު ރާއްޖޭގައި ބާއްވާނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ވޯޓަކަށް ހުޅުވާލުމުންވެސް އެމްޑީޕީން މަސައްކަތްކޮށްފައިވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށެވެ. އޭރު އެހެން ޕާޓީތަކުން ތާއީދު ކުރީ ރިޔާސީ ނިޒާމަކަށެވެ. ފެންނަ ނުފެންނަ ވޯޓުންވެސް ނިންމީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ.
ނަޝީދު ވިދާޅުވާ ބައެއް ވާހަކަތަކަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީގެ ލީޑަރުން ބައެއް ފަހަރު އަންނަނީ ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން ފެބްރުއަރީ 1 ވަނަ ދުވަހު، ސުޕްރީމް ކޯޓު އަމުރު ތަންފީޒު ކުރުމަށް އިންޑިއާގެ އެހީއަށް ނަޝީދު އެދުމުންވެސް އިދިކޮޅު އެހެން ޕާޓީތަކުން ވަނީ ނަޝީދާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.