24 ޖުލައި 2016 - 13:52

ތިމާވެށީގެ އެންމެ ނާޒު ރަށްތަކުގެ ތެރޭގައި ހިމަނާފައިވާ ގދ. ދިގުލާބަދޫގައި އެއާޕޯޓެއް ހަދަން ނިންމައި އެ ރަށުގެ ހާލަތު ދެނެގަތުމަށް އީއައިއޭ ހަދަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ރަށުގައި ދަނޑުވެރިކަން ކުރަން އަމިއްލަ ކުންފުންޏެއް ކަމަށްވާ އެކުއާ ޓްރެޝާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދިނުމަށް 2010 ވަނަ އަހަރުގެ ފަހުކޮޅު ކެބިނެޓުން ނިންމުމާ ގުޅިގެން ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކުން އެކަމާ ދެކޮޅަށް އަޑުއުފުލި އެވެ. އަދި އެކަންބޮޑުވުންތަކާ ގުޅިގެން ދަނޑުވެރިކަން ކުރަން އެ ރަށް ހަވާލުކުރުން އޭރު ސަރުކާރުން މަޑު ޖައްސާލި އެވެ.

ދިގުލާބަދޫގައި އެއާޕޯޓެއް ހަދަން ނިންމާފައިވީ ނަމަވެސް އެކަންކުރަން އަދި ބަޔަކާ ހަވާލެއް ނުކުރެ އެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ދިގުލާބަދޫގައި އެއާޕޯޓެއް ހަދަން ކަމުދޭތޯ ބެލުމަށް އެ މިނިސްޓްރީން ދިރާސާއެއްކުރަމުން އަންނަ ކަމަށެވެ. އަދި އެ ރަށަކީ ހިމާޔަތްކޮށްފައިވާ ރަށެއްކަން އެނގިވަޑައިގެންފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"އެ ރަށުގެ ސްޓަޑީތައް ކުރިޔަށް ގެންދަނީ އެންވަޔަރަމަންޓް މިނިސްޓަރާ މަޝްވަރާކުރުމަށްފަހު. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެ ރަށަކީ ޕްރޮޓެކްޓެޑް ރަށެއް އެކަމަކު އެ ރަށުގައި އެއާޕޯޓް ހެދުމަށް ކަމުދާ ކަމަށް އީއައިއޭ އިން ނިންމައިފި ނަމަ އެކަން ކުރިޔަށް ގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "ސާވޭކުރީމަ އެކަން ކުރެވޭނެ ކަން ނުވަތަ ނުކުރެވޭނެ ކަން ވެސް އެނގޭނީ."
ޒަމީރު ވިދާޅުވީ ދިގުލާބަދޫގައި އެއާޕޯޓެއް ހަދަން ނިންމީ ގދ. އަތޮޅުގެ ރައްޔިތުންގެ ފަސޭހައަކަށާއި އެ އަތޮޅަށް ޓޫރިޒަމް ފުޅާކުރުމުގެ ބޭނުމުގައި ކަމަށެވެ.
އެންވަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު (މީމުޒަވިޔަނި) މިއަދު ވިދާޅުވީ ދިގުލާބަދޫގައި އެއާޕޯޓެއް ހެދުމަށް މަޝްވަރާކުރި ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެ ރަށުގައި އެއާޕޯޓެއް ހެދުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ރަށަކީ ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ފަދަ ރަށެއް. އެހެންވެ އަޅުގަނޑުމެން އޮންނާނީ ސެންސިޓިވް ލިސްޓްގައި އެ ރަށް ހިމަނާފައި. އެއީ އެ ރަށަކީ ފެހުރިހި އާއި މަޑި ވިހައި، ބޮޑުކުރާ ނާސަރީއެއް ކަހަލަ ރަށެއް. އެ ރަށުގައި އޮންނަ ކުޅިތަކާއި ކޯރުތައް ކޮނެ ނުވަތަ ފަސް އަޅައި ހަދައިފި ނަމަ އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ،" މީމުޒަވިޔަނި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަރެސް މާތޮޑާ އާއި ފިޔޯރީއާ ދެމެދު އޮންނަ އެ ރަށަކީ އެއާޕޯޓެއް ހަދަން އެއްގޮތަކަށް ވެސް ކަމުދާ ރަށެއް ނޫން ކަމަށެވެ. އެއީ އެ ރަށަކީ ބޮޑު ފަޅެއް އޮތް ނަމަވެސް ހަނިކޮށް ދިގު ރަށަކަށްވުމުން ފަޅުގެ ބޮޑު ބައެއް ހިއްކައިގެން އެކަންކުރަން ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށް ވެސް މީމުޒަވިޔަނި ވިދާޅުވި އެވެ.
ގުދުރަތީ ރީތިކަން އިންތިިހާއަށް ލިބިފައިވާ އެ ރަށުގެ އަސްލު ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރަން ތިމާވެށި ހިމާޔަތްކުރާ ބްލޫ ޕީސް ޖަމާއަތުން މީގެ ކުރިން ގޮވާލާފައިވެ އެވެ. އެ ޖަމިއްޔާއިން ބުނެފައި ވަނީ އެ ރަށުގައި އިގްތިސާދީ މަސައްކަތެއް ކޮށްފި ނަމަ އެ ރަށުގެ ގުދުރަތީ ރީތިކަން ގެއްލި، އެ ރަށުގެ ވެއްޓަށް އިޔާދަނުކުރެވޭވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.