12 މެއި 2018 - 11:57

ވޮޝިންޓަން (މެއި 12) - ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލައިފި ނަމަ އެ ގައުމު އާރާސްތުކޮށްދީ އިގްތިސާދު ހަރުދަނާ ކުރުމަށް އެމެރިކާ އިން ހުށަހަޅައިފި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ ސައުތު ކޮރެއާއެކޭ އެއްހަމައެއްގައި ނޯތު ކޮރެއާ އަށް ވެސް ތަރައްގީ ހޯދައިދޭން އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ. ނޯތު ކޮރެއާ އަށް މިދިޔަ ހަފުތާގައި ވަޑައިގެންނެވި ޕޮމްޕެއޯ ވިދާޅުވީ އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުންއާ އެކު ހަރުދަނާ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
ކިމް އާއި ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަމިޓް މިހާރު ވަނީ އަންނަ މަހު 12 ވަނަ ދުވަހު ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހިފަ އެވެ. އެޕްރީލް މަހު ފަހުކޮޅު ކިމް ވަނީ ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިންއާ ބައްދަލު ކުރައްވައިފަ އެވެ.
ޕޮމްޕެއޯގެ ނޯތު ކޮރެއާ ދަތުރުގައި ވަނީ އެ ގައުމުގައި ތިބި އެމެރިކާގެ ތިން ގައިދީން މިނިވަންކޮށްފަ އެވެ.
ސައުތު ކޮރެއާ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ 20 އިގްތިސާދުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެ ގައުމުގެ ޖީޑީޕީ 1.4 ޓްރިލިއަން ޑޮލަރަށް އަރަ އެވެ. ނޯތު ކޮރެއާގެ ޖީޕީޑީ 20 ބިލިއަން ޑޮލަރަށް ވުރެ ދަށުގައި އުޅޭ އިރު އެންމެ ވަރުގަދަ 100 އިގްތިސާދުގެ ތެރޭގައި ވެސް އެ ގައުމު ނުހިމެނެ އެވެ.