12 މެއި 2018 - 11:39

މަދިޔަ ޕްރަދޭޝް (މެއި 12) - އިންޑިއާގައި ކުޑަ އަންހެއް ކުއްޖަކު ރޭޕްކޮށް އަނެއްކާ ވެސް އަލިފާން ޖަހައިފި އެވެ.

މިއީ ހަފުތާއެއްގެ ތެރޭގައި އިންޑިއާގައި ހިންގި މި ބާވަތުގެ ތިން ވަނަ ހާދިސާ އެވެ. ތިން ވަނަ ކުއްޖާ ރޭޕްކޮށްފައި ވަނީ މަދިޔަ ޕްރަދޭޝްގެ ސާގަރު އަވަށުގަ އެވެ. އުމުރުން 16 އަހަރުގެ ކުއްޖާ ރޭޕްކުރި ގޭންގް މީހުން ވަނީ އެ ކުއްޖާ ރޭޕް ކުރުމަށް ފަހު ތެޔޮ އަޅާ އަލިފާން ޖަހައިފަ އެވެ.
ފުލުހުން ބުނީ ގޭންގް މީހުން އެ ކުއްޖާ މަރާލީ ރޭޕްކުރި މީހުންގެ ވާހަކަ އާއިލާ އަށް ކިޔައިދޭނެ ކަމަށް ބުނުމުން ކަމަށެވެ. ރޭޕް ކުރުމަށް ފަހު އަލިފާން ޖެހުމުގެ އަނެއް ދެ ހާދިސާ ހިންގާފައި ވަނީ ޖަރުކަންދު ސްޓޭޓުގަ އެވެ.
ޖަރުކަންދުގައި އަލިފާން ޖެހި 17 އަހަރުގެ ކުއްޖާގެ ހާލު އަދިވެސް ސީރިއަސް އެވެ. އެ ކުއްޖާގެ ގައިގައި އަލިފާން ޖެހީ ރޭޕްކުރި މީހާ ކައިވެނި ކުރަން ހުށަހެޅުމުން އެކަމާ ދެކޮޅު ހެދުމުން ކަމަށް ފުލުހުން ބުންޏެވެ. ޖަރުކަންދުގައި ހިންގި ރޭޕުގެ އަނެއް ހާދިސާގައި 16 އަހަރުގެ ކުއްޖާ ރޭޕްކުރި މީހުންނަށް އަދަބު ދިނުމުގެ ގޮތުން 100 ސިޓް-އަޕް ހަދަން ޖެއްސުމުން އެ މީހުން ވަނީ އެ ކުއްޖާގެ ބެލެނިވެރިން ގޭގައި ނެތް ދަނޑިވަޅު ބަލާ ކުއްޖާ ގައިގައި އަލިފާން ޖަހާ މަރާލައިފަ އެވެ.
އިންޑިއާގައި ރޭޕުގެ ހާދިސާތައް އިތުރުވުމުން ގައުމުގައި ވަނީ މުޒާހަރާތައް އާއްމުވެފަ އެވެ. އިންޑިއާގެ ކެބިނެޓުން މިހާރު ވަނީ ކުޑަ ކުދިން ރޭޕް ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ފާސް ކުރަން ނިންމައިފަ އެވެ.