12 މެއި 2018 - 10:44

ކުއާލަ ލަމްޕޫރު (މެއި 12) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްފައިވާ ކަމަށް އެ ގައުމުގެ އިމިގްރޭޝަން އޮފިޝަލަކު މިއަދު ބުނެފި އެވެ.
ނަޖީބު، 64، ފުރުން މަނާކޮށްފައި މިވަނީ އޭނާ އާއި އަނބިކަނބަލުން ރަސްމާ މަންސޫރު ޗުއްޓީއެއްގައި ގައުމުން ބޭރަށް މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ނަޖީބު ވިދާޅުވެފައި ވަނިކޮށެވެ. މެލޭ ބަހުން ނަޖީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާ ފުރުން މަނާކޮށްފައިވާކަން އިމިގްރޭޝަނުން އަންގާފައިވާ ކަމަށެވެ. އަދި ފުރުން މަނާކުރި ސަބަބެއް ހާމަކޮށްފައި ނުވާ ކަމަށް ވެސް ނަޖީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިމިގްރޭޝަނުގެ އަމުރަށް ތަބާވާނެ ކަމަށެވެ.
އިމިގްރޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނަރަލް މުސްތަފާ އަލީ ވިދާޅުވީ ނަޖީބު ބްލެކްލިސްޓް ކުރީ މިއަދު ކަމަށެވެ.
ނަޖީބު ފުރަން އުޅޭ ކަމުގެ ޚަބަރާ ގުޅިގެން ގިނަ ބަޔަކު މިއަދު ވަނީ އެއާޕޯޓަށް ގޮސް އޭނާއާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. އަދި ބައެއް މީހުން ވަނީ ނަޖީބު އެއާޕޯޓަށް ވަނުން ހުއްޓުވާނެ ކަމަށް ބުނެފަ އެވެ.
މެލޭޝިއާގައި ބުދަ ދުވަހު ބޭއްވި އިންތިޚާބުން ނަޖީބުގެ ބަރިސަން ނެސަނަލް ކޯލިޝަނަށް ވަނީ ބޮޑު ނާކާމިޔާބީއެއް ލިބިފަ އެވެ.
ނަޖީބުގެ މައްޗަށް ވަނީ މެލޭޝިއާގެ އިންވެސްޓްމަންޓް ފަންޑް 1އެމްޑީބީގެ 700 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ ތުހުމަތު ކޮށްފަ އެވެ. ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ރިޓަޔާ ކުރެއްވިތާ 15 އަހަރު ފަހުން ސިޔާސީ މައިދާނަށް އަލުން ނުކުންނަވަން ޖެހުނީ ވެސް ނަޖީބުގެ ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުމުން ކަމަށް އެމަނިކުފާން ވަނީ ވިދާޅުވެފަ އެވެ. މަހާތިރު ވަނީ ބޮޑު ވަޒީރުކަމުގެ ހުވާ ބުރާސްފަތި ދުވަހު ކުރައްވައިފަ އެވެ.
މަހާތިރު ވިދާޅުވެފައި ވަނީ ނަޖީބުގެ ކިބައިން ބަދަލު ހިފަން ނޫޅުއްވާނެ ކަމަށާއި ނަމަވެސް ކޮރަޕްޝަން ހިންގި މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.