ޔުއެފާ އިން ބުފޮންގެ މައްސަލަ ބަލަނީ
ޔުއެފާ އިން ބުފޮންގެ މައްސަލަ ބަލަނީ

ޒިއުރިކް، ސްވިޒަލެންޑް (މެއި 12) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގަށް ފަހު ރެފްރީ މައިކަލް އޮލިވާއާ ބެހޭގޮތުން ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ދެއްކި ވާހަކަތަކުގެ މައްސަލަ ޔުއެފާ އިން ބަލަން ފަށައިފި އެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން 3-0 އިން ރެއާލް މެޑްރިޑް މޮޅުވެފައި އޮއްވާ ޔުވެންޓަސް އިން ތިން ލަނޑު ޖަހައި 3-3 އިން އެގްރިގޭޓުން އެއްވަރުކުރި އެވެ. ނަތީޖާ ނެރެން އިތުރު ވަގުތަށް ގޮސްގޮސް އޮއްވާ ރެއާލް މެޑްރިޑަށް ކުރި ލިބުނީ އޮލިވާ ދިން ޕެނަލްޓީ ރޮނާލްޑޯ ކާމިޔާބުކުރުމުންނެވެ. މެޑްރިޑުގެ ލޫކަސް ވަސްކުއޭޒަށް ގޯލްކުރިމަތިން ޔުވެންޓަސްގެ މެހްދީ ބެނާޝިއާ ފައުލްކުރުމުން ދިން ޕެނަލްޓީއާ މެދު ބުފޮން ހިތްހަމަނުޖެހުން ފާޅުކުރި ވަގުތު އޭނާ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.

އެ މެޗަށް ފަހު ބުފޮން ވަނީ އޮލިވާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ބުފޮން ބުނީ އޮލިވާގެ ހިތެއް ނެތް ކަމަށާއި ހިތެއްގެ ބަދަލުގައި އޮތީ ކުނި ކޮތަޅެއް ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ބުފޮން އަށް އަމާޒުވެފައިވަނިކޮށް އޭނާ ވަނީ ރެފްރީ އޮލިވާއާ ބެހޭގޮތުން އޭނާ ދެއްކި ވާހަކަތަކާ މެދު ހިތާމަނުކުރާ ކަމަށާއި އަދި އެއް ފަހަރު އެ ހުރިހާ ވާހަކަތަށް ދައްކަން ޖެހިއްޖެނަމަ ފަސްޖެހުމެއް ނެތި އެކަން ތަކުރާރުކުރާނެ ކަމަށް ބުނެފަ އެވެ.

ޔުއެފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރެފްރީއާ ބެހޭގޮތުން ބުފޮން ދެއްކި ވާހަކަ ތަކަކީ ކުޅުންތެރިޔެއްގެ ފަރާތުން ރެފްރީއަށް ނިސްބަތްކޮށް ދެއްކޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި މި ކަމާ ގުޅޭގޮތުން ޔުއެފާގެ ޑިސިޕްލިނަރީ ކޮމިޓީން މަޝްވަރާތަށް ފަށާފައިވާ ކަމަށެވެ. ޔުއެފާ އިން އަންނަނީ ބުފޮން އަށް އެ މެޗުގައި ދެއްކި ރަތް ކާޑުގެ މައްސަލަ ވެސް ބަލަމުންނެވެެ. މި ހުރިހާ މައްސަލައެއްގައި ޔުއެފާ އިން ނިންމާ ގޮތް ހާމަކުރާނީ މި މަހު 31 ވަނަ ދުވަހު އެވެ.

ޔުވެންޓަސް އާއި ރެއާލް މެޗަށް ފަހު ރެފްރީ އޮލިވާ އާއި އޭނާގެ އަންހެނުން ލޫސީ އަށް މަރުގެ އިންޒާރުދީ ގިނަ މެސެޖުތަކެއް އައުމުން އެޝިންޓަން ޕޮލިހުން އަންނަނީ އެ މައްސަލަ ވެސް ބަލަމުންނެވެ. ލޫސީ އަކީ ވިމެންސް ސުޕަ ލީގުގެ ރެފްރީ އެކެވެ.