އަލްވޭސް އަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ
އަލްވޭސް އަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ

ސައޮ ޕައޮލޯ، ބްރެޒިލް (މެއި 12) - ބްރެޒިލްގެ ފުލްބެކް ޑެނީ އަލްވޭސްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް އަންނަ މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެ ކަމަށް ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

އަލްވޭސްގެ ކަނާތު ކަކުލުގެ ލިގަމެންޓަށް އަނިޔާވީ މިދިޔަ އަންގާރަ ދުވަހު ޕީއެސްޖީން ފްރެންޗް ކަޕް ކާމިޔާބު ކުރި މެޗުގަ އެވެ. އަލްވޭސްގެ ކަކުލުގެ ސްކޭން އެއް ހެދުމަށް ފަހު ފުރަތަމަ ޕީއެސްޖީގެ މެޑިކަލް ޑިޕާޓްމަންޓުން ބުނީ ސާޖަރީއެއް ހަދަން ނުޖެހިއްޖެނަމަ އޭނާ އަށް ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމަށެވެ.

އެހެން ނަމަވެސް ލިބުނު އަނިޔާގެ އިތުރު ތަފްސީލް ބެލުމަށް ބްރެޒިލްގެ ގައުމީ ޓީމުގެ ޑޮކްޓަރުން ކުރި ފުލް ސްކޭނެއްގައި ދައްކާ ގޮތުން އަލްވޭސް ކުޑަ ސާޖަރީއެއް ކުރަން ޖެހެ އެވެ.

އުމުރުން 35 އަހަރުގެ އަލްވޭސް ވަނީ އެންމެ ފަހުން ބްރެޒިލް ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އަލްވޭސް އަކީ ބްރެޒިލްގެ ކޯޗު ޓީޓޭ ވަރަށް ގަޔާވާ ކުޅުންތެރިޔެކެވެ.

ބްރެޒިލް ގައުމީ ޓީމުގައި މި ވަގުތު ގިނައީ ނިސްބަތުން ޒުވާން ކުޅުންތެރިންނެވެ. އަލްވޭސް އަކީ ފަހަކަށް އައިސް ޓީމުގެ ކެޕްޓަނެއްގެ ރޯލުގައި ވެސް ބައެއް މެޗުތަކުގައި ފެނުނު ކުޅުންތެރިޔެކެވެ. ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ބްރެޒިލްގައި ތިބި ނަމަވެސް ވޯލްޑް ކަޕަށްދާއިރު، އަލްވޭސް ކަހަަލަ ތަޖުރިބާކާރު ކުޅުންތެރިޔަކަށް ނުކުޅެވުމަކީ ބްރެޒިލަށް އަންނާނެ އުނިކަމެކެވެ.

އަލްވޭސް ވަނީ އެންމެ ފަހުން ދެ ވޯލްޑް ކަޕްގައި ވެސް ބްރެޒިލަށް ކުޅެފަ އެވެ. ބްރެޒިލް ގައުމީ ޓީމަށް 106 މެޗު ކުޅެދީފައިވާ އަލްވޭސް ވަނީ މީގެ ކުރިން މިއީ އޭނާ ބްރެޒިލަށް ކުޅެދޭ ފަހު މުބާރާތް ކަމަށް ބުނެފަ އެވެ.

ވޯލްޑް ކަޕްގައި ބްރެޒިލް އޮތީ ސްވިޒަލެންޑާއި ކޮސްޓަ ރިކާ އަދި ސާބިއާއާ އެއް ގްރޫޕެއްގަ އެވެ.