12 މެއި 2018 - 00:56

ރިޔާސީ އާ ދައުރަކަށް ރައްޔިތުންނަށް އެމަނިކުފާނު ހުށަހަޅުއްވާ މެނިފެސްޓޯ އަކީ "ސަޕްރައިޒެއް" ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އަލިމަސްކާނިވަލްގައި ބޭއްވި "ހެސްކިޔާފަ" ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތީ ރޯދަ މަސް ކަމަށް ވާއިރު އީދުގެ ކުރިން، މެނިފެސްޓޯ ހަދިޔާ ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންވެ، ރައްޔިތުންނަށް އެ މެނިފެސްޓޯ ދެއްވާނީ އީދަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ހަތަރު އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ މަޝްރޫއުތަކެއް މި ސަރުކާރުން ނިންމައި، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދީފި އެވެ. ރައްޔިތުން ބޭނުން ވަނީ ބޯހިޔާވަހި ކަމާއި ސިއްހީ ހިދުމަތާއި އިޖުތިމާއީ ރައްކާތެރިކަމާއި ބަނދަރާއި ނަރުދަމާގެ ނިޒާމާއި މަގު ހެދުމާއި އަމާން ވެއްޓެއް ގާއިމްވުން ފަދަ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމަށް ހެޔޮއެދިގެން މަސައްކަތް ކުރެއްވި ސިޔާސީ ލީޑަރަކު ރާއްޖޭގައި ނެތް ކަމަށެވެ. ސިޔާސީ ލީޑަރުން މިހާތަނަށް އިސްކުރައްވާފައި ވަނީ އަމިއްލަ މަސްލަހަތު ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ގައުމަށް ހެޔޮއެދިގެން މަސައްކަތް ކުރާނެ ލީޑަރަކު އިދިކޮޅުގައި ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު އިދިކޮޅު ހުރިހާ ލީޑަރުންނަށް ދަންނަވާލާނީ، މެނިފެސްޓޯގައި އާ ވާހަކައެއް ލިޔުއްވާފައި ރައީސް ޔާމީނަށް ދައްކަވާށޭ. އަޅުގަނޑުމެންނަށް އަތްނުލެވޭ ކަމެއް އޮތިއްޔާ އެ ވާހަކަ ވިދާޅުވާށޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ބޯހިޔާވަހި ކަމަށް ދައުލަތުގެ ބަޖެޓުން މިވެނި ވަރެއް ހޭދަކުރާނެ ކަމަށް މެނިފެސްޓޯގައި ލިޔުމަކީ ވެސް، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އާ ވާހަކައެއް ނޫނެވެ. ދައުލަތުގެ ބަޖެޓުން ތިން ބިލިއަން ރުފިޔާ، ބޯހިޔާވަހިކަމަށް ހޭދަކުރައްވާނެ ކަމުގެ ވައުދާ އެކު މެނިފެސްޓޯގެ ބައެއް އާއްމުކު ރެއްވީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
"އަޅުގަނޑުގެ ޒައާމަތު ނިމިގެން، 15،000 ހައުސިން ޔުނިޓް ނިމުނީމަކާ، ދެން ގެދޮރު ބޭނުންވާ އިތުރު ބަޔަކު ދިވެހިރާއްޖޭގައި ނުތިބޭނެ. ދެން އެހެންވީމާ ކީއްކުރާ އިތުރު ގެދޮރެއްތޯ؟" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިން މުއްސަނދި ކުރާ ވާހަކަ އާއި އިސްތިގުލާލުގެ ވާހަކަ ވެސް އިދިކޮޅު ފަރާތްތަކަށް ނުދެއްކޭނެ ކަމަށާއި ބޭރުގެ ސިފައިން ރާއްޖެ ގެންނަ ވާހަކަ ދެއްކެވީ ވެސް އެ ލީޑަރުން ކަމަށެވެ. އެމަނިކުފާނުގެ މެނިފެސްޓޯގައި ހާސިލްނުކުރާ ކަމެއް، އާ ކަމެއްގެ ގޮތުގައި އިދިކޮޅު އެއްވެސް ކެންޑިޑޭޓަކަށް ނުދެއްކޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ރައީސް ޔާމީން މިކަން ކުރީމަ، ތިމަންނަ އިތުރަށް ކުރާނަމޭ. ކީއްކުރަންތޯ އިތުރަށް ކުރަންވީ. އާ ކާމެއް ކުރަންވީ ނޫންތޯ؟ އަޅުގަނޑު ކުރިމަތީގައި މިއޮތީ ބްރިޖް. މިއީ ކިތައް ބޭފުޅުންގެ ހުވަފެންތޯ؟" ބްރިޖަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.