ޕޮލެންޑުގައި، ދިޔާ ޗޮކްލެޓް ހިފައިގެން ދަތުރުކުރި ޓްރަކެއް ފުރޮޅާލައި އޭގައި ހުރި 12 ޓަނުގެ ޗޮކްލެޓުން މަގުމަތީ ކޯރު ހެދިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މިއީ މެޓާ ފަދަ ފޮނި ތަކެތި އުފައްދާ ކުންފުންޏެއްގެ ޓްރަކެކެވެ. އެކަމަކު މި ޓްރަކް ފުރޮޅާލައި އެކްސިޑެންޓުވާން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.

ޓްރަކުން ބޭރުވި ޗޮކްލެޓްތަކުން މަގުގެ ދެ ފަރާތަށް ކޯރު ހެދުނެވެ. އެކަމަކު ދިމާވި އުނދަގުލަށް ވުރެ މިކަން ގިނަ ބަޔަކަށްވީ މަޖާ ކަމަކަށެވެ. ފުލުހުން މަގު ބަންދުކުރުމުގެ ކުރިން ވެހިކަލްތައް ޗޮކްލެޓްތަކުގެ މަތިން ދުއްވި އެވެ. އެހެންވެ ޓަޔަރުގައި ޗޮކްލެޓް އުނގުޅި އެތައް މޭލެއް ދުރަށް ޗޮކްލެޓްގެ ރޮނގުތައް ކުރެހިފައި ހުއްޓެވެ.

މަގު ސާފުކުރާ މީހުން ޗޮކްލެޓްތައް ނެގީ ފަކީރާ ޖަހައިގެންނެވެ. އެކަމަކު އެ މީހުން ބުނެފައި ވަނީ ޗޮކްލެޓް ހިކުމުން، ސްނޯއަށް ވުރެ ވެސް ސާފުކުރަން އުނދަގޫ ކަމަށެވެ.

ޗޮކްލެޓުން މަގު ފޮނިކޮށްލި ޓްރަކްގެ ޑްރައިވަރުގެ އަތް ބިނދިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.