12 މެއި 2018 - 06:36

ކުޑަކުދިންނަށް ކިޔައިދޭ ހިޔާލީ ވާހަކަތަކުގައި ހުންނަ އަނިޔާވެރިކަމުގެ ބައިތަކާއި އެފަދަ ވާހަކަތަކުގައި ހުންނަ ނުރަނގަޅު އެކި ކަންކަމާ ހެދި ގިނަ ބެލެނިވެރިން މިހާރު ދަރިންނަށް ވާހަކަ ކިޔައި ދެނީ އެފަދަ ވާހަކަތަކުގެ "ޕްލޮޓް ބަދަލުކޮށްލައިގެން" ކަމަށް އިނގިރޭސިވިލާތުގައި ހެދި ދިރާސާއެއްގައި ބުނެފި އެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ކުޑަކުދިންނާ އެހާ ބޮޑަށް ނުގުޅޭ ހާދިސާތަކާ އެކު ގެނެސް ދީފައިވާ ހިޔާލީ ވާހަކަތަކުގެ ތެރޭގައި "ލިޓްލް ރެޑް ރައިޑިން ހުޑް"، "ދަ ޖިންޖަބްރެޑް މޭން" އަދި "ދަ ތުރީ ލިޓްލް ޕިގްސް" ފަދަ ވާހަކަތައް ހިމެނެ އެވެ.
މިއުޒިކްމެގްޕައި އިން 2،000 އަށް ވުރެ ގިނަ ބެލެނިވެރިން ބައިވެރިކޮށްގެން ހެދި ދިރާސާގައި ބުނެފައިވާ ގޮތުގައި ކޮންމެ ހަތަރު ބެލެނިވެރިއެއްގެ ތެރެއިން އެކަކު އެ މީހުންގެ ދަރިންނަށް "ފެއަރީ ޓޭލްތައް" ކިޔައި ދެނީ އަމިއްލަ އަށް ގެންނަ ބަދަލުތަކާ އެކުގަ އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި 16 ޕަސަންޓް ބެލެނިވެރިން އެއްގޮތަކަށް ވެސް ކުދިންނާ ނުގުޅޭ ކަހަލަ ހާދިސާތައް ހުންނަ ހިޔާލީ ވާހަކަތައް ކިޔަން ފުރުސަތެއް ނުދެ އެވެ.
އަދި ބައެއް ކަހަލަ ކަންކަމަކީ ކުދިންނަށް މަޖާވާ އަދި އަޑު އަހަން ގަޔާވާލާ ކަހަލަ ކަންކަން ކަމަށް ވިޔަސް ހިޔާލީ ވާހަކަތަކުގައި އަނިޔާވެރިކަމާއި ކުޑަކުދިންގެ ހިޔާލާތާ ނުގުޅޭ ކަހަލަ ހާދިސާތައް ހުރުމަކީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
މިސާލެއްގެ ގޮތުގައި "ރެޑް ރައިޑިން ހުޑް" ވާހަކައިގައި ހިޔަޅަކު ކުއްޖަކު ކައިލުމުން، އޭނާ ސަލާމަތް ކުރަން ހިޔަލު މަރާލައިގެން އޭގެ ބަނޑު ފަޅައިލާ ކަހަލަ ހާދިސާތަކަކީ ތުއްތު ސިކުނޑިތަކަށް ފޯރުކޮށް ދޭން ހެޔޮ ނުވާނެ ކަހަލަ ހާދިސާތަކެއްގެ ގޮތުގައި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ޒަމާނުއްސުރެ ކުޑަކުދިންނަށް ކިޔައިދޭ ހިޔާލީ ވާހަކަތަކުގެ ތެރޭގައި "ސިންޑްރެއްލާ"، "ސްލީޕިން ބިއުޓީ"، "ޕިނޯކިއާ" އަދި "ދި އަގްލީ ޑަކްލިން" ފަދަ ވާހަކަތައް ހިމެނެ އެވެ. އެކަމަކު އެ ވާހަކަތަކުގައި ގެނެސް ދީފައި ހުންނަ ހާދިސާތަކާ ދޭތެރޭ ފުންކޮށް ވިސްނާލައިފި ނަމަ، އެއީ ކުދިންނަށް ކިޔައި ދޭން ރަނގަޅު ނޫން ވާހަކަތައް ކަމަށް ދިރާސާ ބުންޏެވެ. އަދިި އެއިން ކޮންމެ ވާހަކައަކުން ގޯސް އަދި ނުރަނގަޅު މެސެޖްތަކެއް ދޭ ކަމަށް ފާހަގަ ކުރެވިފައިވެ އެވެ.
"ފެއަރީ ޓޭލްސްތަކަކީ އެތަކެއް ޖެނެރޭޝަންތަކަކަށް ދެމިގެން ގޮސްފައިވާ ވާހަކަތަކެއް. މީގެ ކުރިން އެފަދަ ވާހަކަތަކުގެ ޕްލޮޓާއި ހާދިސާތަކާ ދޭތެރޭ މައިންބަފައިން އެހާ ބޮޑަށް ސަމާލުކަން ނުދިނަސް، މި ޒަމާނުގައި ބެލެނިވެރިން މިކަމާ ދޭތެރޭ މިހާރު ވިސްނަން ފެށުމަކީ ހެޔޮ ބަދަލަކަށް ވާނެ،" މިއުޒިކްމެގްޕައިގެ މާކެޓިން ޑިރެކްޓަރު ލިއަމް ހޯލީ ވިދާޅުވި އެވެ.