ހަ އަހަރުގެ މުއްދަތަކަށް އެއްބައިވަންތަކަމުގެ ސަރުކާރެއް ހަދާނަން: ނަޝީދު
ހަ އަހަރުގެ މުއްދަތަކަށް އެއްބައިވަންތަކަމުގެ ސަރުކާރެއް ހަދާނަން: ނަޝީދު

ހަ އަހަރު ދުވަހުގެ މުއްދަތަކަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރު އެއް އަހަރަށް އިތުރުކޮށް ރަނގަޅު، ހަރުދަނާ ޝަރުއީ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަކު ކަނޑައަޅަން އެ ޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ނަޝީދުގެ ކެމްޕޭން އިފުތިތާހު ކުރުމަށް އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް، ނަޝީދު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް، ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމަނިކުފާނަށް ތާއީދު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަދުލު އިންސާފު ގާއިމްކޮށް ފުލުހުންނާއި ސިފައިންގެ މުއައްސަސާ ރަނގަޅު ކުރާނަން. ބަަރުލަމާނީ ނިޒާމަކަށް ތާއީދު ކުރަން ގޮވާލަން. ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވައި ހުވާ ކުރާނީ މި ގާނޫނުއަސާސީގެ ދަށުން،" ނަޝީދު ވިދާޅުވި އެވެ.

"އަދި މިހާރު އޮތް މަޖިލިސް އިތުރު އެއް އަހަރަށް އިތުރުކޮށް ރަނގަޅު ހަރުދަނާ ޖުޑިޝަރީއެއް ގާއިމްކޮށް ފުލުހުންނާއި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް ދެން ބަރުލަމާނީ ނިޒާމެއް ގެންނަން ތާއީދު ކުރުމަށް އަޅުގަނޑު އެދޭނަން."

ނަޝީދު ވިދާޅުވީ މި ބަދަލުތައް ގެނައުމަށްޓަކައި، މި އަހަރުގެ ރިޔާސީ އިންތިޚާބުން އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމާ ދޭތެރޭ ވެސް އެއްވެސް ސުވާލެއް ނުއުފައްދަވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް ދާނީ ހިތްވަރަކާއި އާ ބާރަކާ އެކު. ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި [ނަޝީދުގެ ނަން] ބާއްވާނީތޯ ނިންމާނީ ތިޔަ ރައްޔިތުން،" އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ކެމްޕެއިން ވައުދުތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ރަށްރަށުގައި އިގުތިސޯދީ ގޮތުން މާލެ އަށް ވުރެ ލުއިފަސޭހަ އިގުތިސޯދީ ކަންކަން ކުރެވޭނެ މަގު ވެސް ފަހިކޮށް ދެއްވާނެ ކަމަށެވެ.

"ރައްޔިތުންގެ ހާލު އަހުވާލު ބަލައި އަޅާލާނެ. އެއްވެސް ފުރައެއްގެ އެއްވެސް މީހަކު ބާކީ ނުވާނެހެން ބެލެހެއްޓޭ ހިޔާވަހިކަން ގާއިމް ކުރަން ޖެހޭ. މިއީ ރާއްޖެކަން ދަނެ އެއްވެސް ރަށެއް އެއްވެސް މީހަކު ތަފާތު ނުކޮށް ލޯތްބާއި ކުލުނާ އެކު އުފާވެރި މުޖުތަމައެއް އުފައްދާނަން،" ނަޝީދު ވިދާޅުވި އެވެ.

"މުޅި ދިވެހިންގެ އިގުތިސާދަކީ ވަށައިގެންވާ މާހައުލުން ލިބިދޭ ފައިދާއިން އުފެއްދޭ އިގުތިސާދެއް. މިއީ ތިމާވެށި ހިމާޔަތް ކުރެވިފައިވާ ރާއްޖެ އަކަށް ހެދުން."

އެ މަނިކުފާން ވިދާޅުވި ގޮތުގައި ގުދުރަތީ ނިޒާމުން ލިބިދޭ އިގްތިސާދުން ރައްޔިތުންގެ ޖީބަށް އެނގުންވާ ވަރަށް ތަކެތީގެ އަގު ހެޔޮކޮށް ދެއްވާނެ އެވެ. އަދި ކަރަންޓާއި ފެނުގެ އަގު ތިރިކޮށް، ކޮންމެ ދިވެހި ރައްޔިތަކު ކުރާ މަސައަކަތައް އެކަށޭނަ އުޖޫރައެއް ވެސް އެމްޑީޕީގެ ވެރިކަމެއްގައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ. ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދީ ސީދާ ރާއްޖޭގެ ދޯނިތަކުގައި ބޭރަށް މަސް ވިއްކޭނެ އިންތިޒާމް ވެސް އެ މަނިކުފާނުގެ ވެރިކަމެއްގައި ފަހިކޮށް ދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ގެސްޓް ހައުސްގެ އިތުރުން ޖަޒީރާ ހޮޓަލާއި ޖަޒީރާ ފަތުރުވެރިކަމެއް އުފެއްދޭނެ. ރަށުގެ ވެބްސައިޓް ބެލެހެއްޓި ހާލަތު އެނގި ކައުންސިލަތަކުގެ އޮފީސްތަކުން ރަށް ހިންގާނެ،" ނަޝީދު ވިދާޅުވި އެވެ.

"ޖަޒީރާ ސްކޫލްތަކާއި ހިލޭ ބޭސް ފަރުވާ ކުރެވޭނެ. ހާއްސަ އެހީ އަށް ބޭނުންވާ މީހުން ބެލެހެއްޓުން ކައުންސިލްތަކުގެ ދަށަށް ގެނެވޭނެ."

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު މި ވަނީ އިންތިހާ އަށް ދަރަނިވެރިވެފަ އެވެ.

"ޒަމާނުންސުރެ އިންޓަރެސްޓް ކުޑަކޮށް ތަރައްގީ އަަށް ލޯނު ނަގަމުން. އެކަމަކު އެ ހަމަ ދޫކޮށްލައިފި. މިއަދު ލޯނު ނަގަނީ ޗައިނާ އެގްޒިމް ބޭންކުން. އެ ލޯނު ދެނީ ޗައިނާ ކުންފުނިތަކަށް އެ މަސައްކަތް ހަވާލުކޮށް އެ ކުންފުނިތަކަށް. އެ ލޯނު ދެނީ ބޮޑު އިންޓަރެސްޓާ އެކު. އެ ފައިސާ ނުދެއްކުނީމާ ޖެހެނީ ހިއްސާ ދޭން. އެކަމުން ޗައިނާގެ ބާރު މި ތަނަށް ފޯރުވާ،" ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހިވާ މައްސަލާގައި ފެށުނީއްސުރެ ފާޑުވިދާޅުވާ ނަޝީދު ވިދާޅުވި އެވެ.