އަބުރާ ބެހޭ ބިލު ފާސްކޮށް ތަސްދީގުކޮށްފިނަމަ، ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ޑީޑީ
އަބުރާ ބެހޭ ބިލު ފާސްކޮށް ތަސްދީގުކޮށްފިނަމަ، ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ޑީޑީ

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް އަބްދުﷲ ޔާމީން ބިލު ތަސްދީގު ކުރައްވައިފި ނަމަ، ބިލު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ.އިބްރާހިމް ދީދީ (ޑީޑީ) މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާގޮތަށް އެކުލަވާލާފައިވާ، އަބުރުގެ ރައްކާތެރިކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި ވަނީ އިއްވައިފަ އެވެ. އަދި މި ބިލު ވީހާވެސް އަވަހަކަށް ފާސްކުރަން މަޖިލީހުގެ ބައެއް މެމްބަރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ޑީޑީ ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނޫއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް ހައްގެއް އެއްވެސް ބަޔަކަށް ނުވަތަ ގާނޫނަކުން ހަނި ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހައްގު ހަނިކުރަން ބޭނުންވާ ބަޔަކު އެކަން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން،" ޑީޑީ ވިދާޅުވި އެވެ.

ގާނޫނުއާސާސީ އަށް އިސްލާހު ނުގެނެސް، ހިޔާލުފާޅުކުރުމާއި މީޑިއާގެ މިނިވަންކަމެއް އެއްވެސް ގާނޫނަކުން ހަނި ނުކުރެވޭނެ ކަމަށް ޑީޑީ ވިދާޅުވި އެވެ. އެހެންވެ އެ ބިލަކީ ގާނޫނުއަސާސީއާ ފުށުއަރާ ބިލެއް ކަމަށާއި އެ ބިލު ބާތިލް އެއްޗެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ހިލާފު އެބަވޭ (ބިލު). އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ހުށަހަޅާނަން މިކަމުން ރައްޔިތުން ސަލާމަތް ކުރުމަށް،" ޑީޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ގޮތަށް އެކުލަވާލާފައިވާ، ބިލު ފާސްކުރަން އުޅެނީ ސަރުކާރުން ކުރާ ވައްކަންތައް ދައްކަން ފެށުމުންނެވެ. ސަރުކާރުން އުޅެނީ ވައްކަންތައް ފޮރުވުމަށް މީޑިއާތަކަށް ބިރު ދައްކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.

މި ބިލުގައި ބުނެފައިވާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ އެވެ.

ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. ކަނޑައަޅާފައިވާ މުއްދަތުގައި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާއިން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ޖެހެ އެވެ.