12 މެއި 2018 - 06:37

މިހާރު އެންމެ ބޮޑު ޓާގެޓަކީ ނެޝަނަލް އެވޯޑްގައި އެންމެ މޮޅު ބަތަލާގެ މަގާމު ހޯދޭ ވަރުގެ ރޯލެއް ކުޅުން ކަމަށް ޒުވާން ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.
އުމުރުން އެންމެ 25 އަހަރުގެ ބަތަލާގެ ހަ އަހަރުވީ ކެރިއަރަށް ބަލާ އިރު، އޭނާ ވަނީ ވަރަށް ކާމިޔާބު އަދި އެހާމެ ވަރުގަދަ ކެރެކްޓާތައް ކުޅެގެން އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދައިފަ އެވެ. އާލިއާއަކީ ބޮލީވުޑްގެ ޒުވާން ބަތަލާއިންގެ ތެރެއިން، ގިނަ ޑައިރެކްޓަރުން އެކުގައި އެންމެ މަސައްކަތް ކުރަން ބޭނުންވާ އަދި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ އެވެ.
ނެޝަނަލް އެވޯޑް ހޯދުމުގެ ޝައުގުވެރިކަން އާލިއާ ފާޅުކޮށްފައިވާ އިރު، 2016 ގައި ރިލީޒް ކުރި "އުޅުތާ ޕަންޖާބް" އަކީ އޭނާ އަށް ނެޝަނަލް އެވޯޑް ހައްގުވާ ވަރުގެ ރޯލެއް ކުޅުނު ފިލްމެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
އާލިއާއަކީ ބޮލީވުޑްގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ ފިލްމްފެއާ، އައިފާ އަދި ޒީ ސިނެ ފަދަ އެވޯޑްތަކުގައި އެންމެ މޮޅު ބަތަލާގެ މަގާމު ވެސް ހޯދާގައިވާ ބަތަލާއެކެވެ.
އާލިއާ ބުނީ އިންޑިއާގެ އެންމެ ވަރުގަދަ ތަރިންގެ ތެރޭގައި އޭނާ ހިމެނުން ކަމަށެވެ. އަދި ކާމިޔާބީއަކީ މަސައްކަތް ކުރާ މީހުންގެ ހައްގަކަށްވާތީ، ބުރަކޮށް މަސައްކަތް ކުރުން ހުއްޓައި ނުލާނެ ކަމަށް ބުންޏެވެ. އާލިއާއަކީ ކުރީގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ހަގު އަންހެން ދަރިފުޅެވެ. އަދި އޭނާއަކީ ކުރީގެ މަޝްހޫރު ބަތަލާ ޕޫޖާ ބަޓްގެ ކޮއްކޮ އެވެ.
ކަރަން ޖޯހަރްގެ "ސްޓޫޑަންޑް އޮފް ދި އިޔާ" އިން 2012 ގައި ބޮލީވުޑަށް ނުކުތް ބަތަލާ ބުނި ގޮތުގައި ބޭނުން ވަނީ އަބަދު ވެސް ޗެލެންޖިން ރޯލްތައް ކުޅޭށެވެ. އެގޮތުން ހައިވޭ (2014) އަކީ އޭނާ އަށް ވަރަށް ހިތްހަމަޖެހިގެން މަސައްކަތްކޮށްލެވުނު ފިލްމެއް ކަމަށް ބުންޏެވެ. އިމްތިއާޒް އަލީ ޑައިރެކްޓް ކުރި އެ ފިލްމަކީ އާލިއާގެ ދެވަނަ ފިލްމް ވެސް މެ އެވެ.
"މިހާތަނަކަށް އަދި އަހަރެން ކޮމެޑީ ރޯލެއް ނުކުޅެން. ވަރަށް ބޭނުން އެކަހަލަ ރޯލެއް ކުޅެލަން،" އޭނާ ބުންޏެވެ.
ހުކުރު ދުވަހު ރިލީޒް ކުރި "ރާޒީ" ގައި ޕާކިސްތާންގެ ސިފައިންގެ މީހަކާ ކައިވެނިކޮށްގެން އުޅޭ އިންޑިއާގެ ޖާސޫސެއްގެ ރޯލް އާލިއާ ކުޅެފައިވާލެއް މޮޅުކަމުން ވަރަށް ގިނަ ކްރިޓިކުން ވަނީ އޭނާގެ އެކްޓިން އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
އާލިއާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ގަލީ ބޯއި" އާއި "ކަލަންކް" އަދި "ބްރައްމަސްތުރާ" ހިމެނެ އެވެ.