އަރްޖުން ކަޕޫރް ރޯ އެޖެންޓެއްގެ ރޯލަށް
އަރްޖުން ކަޕޫރް ރޯ އެޖެންޓެއްގެ ރޯލަށް

ޒުވާން އެކްޓަރުގެ އަރްޖުންގެ ކަޕޫރްގެ ކުރިއަށް ހުރި ފިލްމްތަކަށް ބަލާ އިރު، ވަރަށް ޝައުގުވެރި ޕްރޮޖެކްޓްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ދިބާކަރް ބެނަޖީގެ "ސަންދީޕް އޯރް ޕިންކީ ފަރާރް" އާއި ވިޕުލް ޝާހްގެ "ނަމަސްތޭ އިންގްލެންޑް" އަދި އަދި އަޝުތޯޝް ގޮވަރިކާގެ "ޕަނިޕަޓް" ހިމެނެ އެވެ.

މި ފިލްމްތަކާ އެކު އަރްޖުންގެ ލިސްޓަށް އަނެއްކާ ވެސް ވަރުގަދަ ޑައިރެކްޓަރެއްގެ ފިލްމެއް އިތުރުވެއްޖެ އެވެ. އެއީ މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން 100 ކްރޯޑް ކުލަބުން ޖާގަ ހޯދި މަދު ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ރެއިޑް" ގެ ޑައިރެކްޓަރު ރާޖްކުމާރް ގުޕްތާގެ "އިންޑިއާސް މޯސްޓް ވޯންޓެޑް" އެވެ. އަންނަ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފަށާ ފިލްމްގައި އަރުޖުން ފެނިގެން ދާނީ އިންޑިއާގެ ޖާސޫސީ އިދާރާ ރޯގެ އެޖެންޓެއްގެ ރޯލުންނެވެ.

"އިންޑިއާސް މޯސްޓް ވޯންޓެޑް" އަކީ ޓެރަރިސްޓް އަތުލައި ގަތުމަށް ކުރާ މަސައްކަތްތަކެއްގެ ބިނާކޮށް ހަދާ ތުރިލާއެކެވެ. މި ފިލްމާ ބެހޭ ގޮތުން ގުޕްތާ ބުނީ މީގެ ސްކްރިޕްޓްގެ މަސައްކަތް އޭނާ ކުރަމުން އަންނަތާ ތިން އަހަރެއްހާ ދުވަސް ވެދާނެ ކަމަށެވެ.

އަދި ބޭނުންވި ގޮތަށް ސްކްރިޕްޓް ނިންމާލައި އަރުޖުން ލީޑް ރޯލަށް ލައިގެން، ފޮކްސް ސްޓާ ސްޓޫޑިއޯސްއާ ގުޅިގެން ފިލްމް ބެލުންތެރިންނާ ހަމައަށް ގެނެސް ދެވޭތީ ވަރަށް ހިތްހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

އަރުޖުން ފިޔަވައި "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ކާސްޓުންގެ ތެރޭގައި ދެން ހިމެނެނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ފިލްމް އިއުލާން ކުރާ ތާރީހު ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެއީ މެއި، 24، 2019 އެވެ.

އަރްޖުން ބުނީ ގުޕްތާއާ އެކު މަސައްކަތްކޮށްލަން ވަރަށް ބޮޑަށް ބޭނުންވެފައި ހުއްޓައި، އެ ފުރުސަތު މިހާރު ފަހިވުމުން "އޭނާ ޗާޖްވެއްޖެ" ކަމަށެވެ.

"އަނެއްކާ މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމަކަށްވާތީ އަހަރެންގެ ކެރެކްޓާގެ މެކްސިމަމް ނެރެދޭން ގުޕްތާގެ އެހީ ވަރަށް ބޮޑަށް ލިބޭނެކަން ޔަގީން،" އަރްޖުން ބުންޏެވެ.

މީގެ ކުރިން ވެސް އަރުޖުން އާއި ގުޕްތާ ފިލްމެއްގެ މަސައްކަތް ކުރަން އުޅުނެވެ. އެއީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިތާ ޗެތަން ބަގަތުގެ ވާހަކަ "ރިވޮލިއުޝަން 2020" އަށް ބިނާކޮށެވެ. އެކަމަކު ބައެއް ސަބަބުތަކާ ހެދި އެ ފިލްމް ހެދޭ ގޮތެއް ނުވީ އެވެ.

އަޖޭ ދޭވްގަން އާއި އިލިއާނާ ޑި ކްރޫޒް ކުޅުނު "ރެއިޑް" ގެ އިތުރުން ގުޕްތާ ޑައިރެކްޓްކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި ނޯ ވަން ކިލްޑް ޖެސިކާ (2011) އަދި ގަންޗައްކަރް (2013) ހިމެނެ އެވެ.

އަރްޖުން އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި "މުބާރަކަން" އިންނެވެ. ދެން އެންމެ އަވަހަށް އޭނާ ފެނިގެން ދާނީ އަންނަ އޮގަސްޓް 3 ގައި ރިލީޒް ކުރާ "ސަންދީޕް އޯރް ޕިންކީ ފަރާރް" އިންނެވެ.