އަންވަރަށް މައާފް ދޭން ރަސްގެފާން އެއްބަސްވެއްޖެ
އަންވަރަށް މައާފް ދޭން ރަސްގެފާން އެއްބަސްވެއްޖެ

ކުއާލަ ލަމްޕޫރު (މެއި 11) - ޖަލު ބަންދުގައި މިހާރު ހުންނެވި މެލޭޝިއާގެ ބޮޑު ވަޒީރުގެ ކުރީގެ ނައިބް އަންވަރު އިބްރާހިމަށް މައާފް ދެއްވަން ރަސްގެފާން އެއްބަސްވެވަޑައިގެންފައިވާ ކަމަށް އާ ބޮޑު ވަޒީރު މަހާތިރު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

"އަންވަރު ވަގުތުން މިނިވަން ކުރަން ރަސްގެފާން ވަނީ އެއްބަސްވެވަޑައިގެންފައި. އެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" ނޫސްވެރިންނާ ވާހަކަ ދަައްކަވަމުން މަހާތިރު ވިދާޅުވި އެވެ.

ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އިދިކޮޅު ބޭފުޅެއް ކަމަށްވާ އަންވަރު މިނިވަންވުމުން ބޮޑު ވަޒީރުކަން ހަވާލު ކުރަން މަހާތިރު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

މަހާތިރާއި އަންވަރަކީ ކުރިން ވަރަށް ގާތް ދެ ބޭފުޅުންނެވެ. އެކަމަކު ސިޔާސީ ގޮތުން ދެ ބޭފުޅުން ޚިޔާލު ތަފާތުވެ އަންވަރު މަގާމުން ދުރުކޮށް 1998 ވަނަ އަހަރު ޖަލަށްލީ މަހާތިރުގެ ވެރިކަމުގަ އެވެ. އަންވަރު ދެ ވަނަ ފަހަރަށް ޖަލަށްލީ ނަޖީބުގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ. މައާފް ނުލިބުނު ނަމަވެސް އަންނަ މަހު އަންވަރު މިނިވަންވާނެ އެވެ.

ބޮޑު ވަޒީރުކަމުގެ ހުވާ ރޭ ކުރެއްވި މަހާތިރުގެ ނައިބަކަށް ހަމަޖައްސާފައި ވަނީ އަންވަރުގެ އަނބިކަނބަލުން ވަން އަޒީޒާ ވަން އިސްމާއިލެވެ.