ލީޑަރުން ހުރަގޭގައި ބަންދުކުރީ ރައްޔިތުންގެ އަޑު ކަނޑުވަން: އަމީން
ލީޑަރުން ހުރަގޭގައި ބަންދުކުރީ ރައްޔިތުންގެ އަޑު ކަނޑުވަން: އަމީން

ސިޔާސީ ލީޑަރުންނާއި ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާ ބޭފުޅުން ހުރަގެއަށް ލައި ބަންދުކޮށް، ގައުމު ބިރުވެރި ހާލަތަކަށް ވައްޓާލީ ރައްޔިތުންގެ އަޑު އިއްވިޔަ ނުދޭން ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ "ހޭވައްލާ"ގެ ޖަލްސާގައި އަމީން ވިދާޅުވީ ސިޔާސީ ލީޑަރުންނާއި ސިޔާސީ ހަރަކާތްތަކުގައި އުޅޭ ގިނަ ބަޔަކު ކަސްތޮޅު އަޅުވާފައިވާ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަޝިޕަށް އެކަނި ބެލި ނަމަވެސް، ގިނަ ބޭފުޅުންތަކެއް ސިޔާސީ ހަރަކާތްތަކުން އެކަހަރިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އޭގެއިތުރުން، ކުރީގެ ރައީސުންނާއި މަޖިލިސް މެމްބަރުންނާއި ޝަރުއީ ދާއިރާގައި އިސްކޮށް ތިއްބެވި ބޭފުޅުން ވެސް ޖަލުގައި ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުން ހުރަގޭގައި ބަންދުކުރީ، މި ސަރުކާރުގެ ޒާތީ މަސްލަހަތު ހިމާޔަތްކޮށް، އަމިއްލަ މަންފާތަކެއް ފުޅާދާއިރާއެއްގައި ހާސިލްކުރުމަށެވެ.

"ރައްޔިތުންގެ އަޑު އާއްމު ގޮތެއްގައި ސަރުކާރަށް މި އިއްވެނީ ސިޔާސީ ޕާޓީތަކުން، ޕާޓީތަކުގައި ބޭނުންކުރާ ސްޕީކަރުތަކުން. ސިޔާސީ ލީޑަރުންގެ އަޑުން. މި އަޑު ކަނޑުވާލެވިއްޖެ ނަމަ ދިވެހިރާއްޖޭގެ ރައްޔިތުންގެ މުސްތަގުބަލާއި ރާއްޖޭގެ ރައްޔިތުން ދެކޭ އުއްމީދާއި ދެކޭ ހުވަފެންތަކާއި ހުރިހާ އެއްޗެއް އެއްފަރާތަކަށް ޖެހިގެން ދިޔައީ. އެ ހުރިހާ އެއްޗެއް ވަޅުލެވުނީ،" އަމީން ވިދާޅުވި އެވެ.

ކޮންމެ ރައްޔިތަކީ ވެސް, އޭނާ ވިދާޅުވި ގޮތުގައި، މި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހިފައިވާ މީހެކެވެ. ރައްޔިތުންގެ އަޑު ފަނޑުވިޔަނުދީ، އިހްތިޖާޖުތައް ވެސް ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ އެތައް ހައްގެއް ނިގުޅައިގަންނަމުން ގޮސް، އުމުރުން ދުވަސްވީ މީހުންނަށް ގައުމަށް ޚިދުމަތް ކުރުމުގެ ހައްގު ވެސް ރާއްޖޭގައި ގެއްލުވާލާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. އެކަމަކު ގައުމަށް ޚިދުމަތް ކުރަން ވަކި އުމުރެއް އޮވެގެން ނުވާނެ ކަމަށާއި މެލޭޝިއާގައި ބޭއްވި އާއްމު އިންތިހާބުން އެކަން ސާފުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޮޑުވަރީޒު ނަޖީބް ރައްޒާގާ ވާދަކުރައްވައި އެ ގައުމުގެ އިންތިހާބު ކާމިޔާބު ކުރެއްވީ، އުމުރުފުޅުން 92 އަހަރުގެ މަހާތީރު މުހައްމަދެވެ.

އަމީން ވިދާޅުވީ އެ މީހެއްގެ ވިސްނުމާއި ހަކަތަ ތަންދޭ ކަމަށްވާ ނަމަ، ކޮންމެ އުމުރެއްގެ މީހަކީ ވެސް ގައުމަށް ޚިދުމަތް ކުރެވޭނެ މީހެއް ކަމަށެވެ.

އުމުރުން ދުވަސްވިއަސް، ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް އަމީން ވިދާޅުވިއިރު، ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ އެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފަ އެވެ. އެ އިސްލާހުގައިވާ ގޮތުން އުމުރުން 65 އަހަރު ވެފައިވާ މީހުންނަށް ވެރިކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

އެކަމަކު، ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކީ ގާސިމް އިބްރާހީމެވެ.

"އުމުރުން ދުވަސްވުމުން، އެ މީހަކަށް އެކަން ކުރެވޭނެތޯ ނޫންތޯ ނިންމަން މި ޖެހެނީ، އޭނަގެ ވިސްނުންތެރިކަމަށް ބަލާފައި، އޭނަގެ ތަޖުރިބާ އަށް ބަލާފައި އޭނަގެ ގާބިލްކަމަށް ބަލާފައި އޭނަގެ ހުށިޔާރުކަމަށް ބަލާފައި. މި ކަންކަމަށް ރިއާޔަތްކޮށްފައި ނޫން ގޮތަކަށް ހައްގުތަކަށް އަރައިގަންނަ ކަމަށް ވަނީ ވިއްޔާ، އެއީ ތަހުޒީބު މުޖުތަމައަކަށް ފެތޭ ކަންތައްތަކެއް ނޫން،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައްގުތައް ހޯދުމުގައި ވިސްނަން ޖެހެނީ ހައްގާއި ބާތިލަށް ކަމަށެވެ. ކުރިއަށް ދިއުމުގައި ބަލަން ޖެހެނީ އެކަމުގައި އޮތް ހުރަހަކަށް ނުވަތަ ބިރަކަށް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި އަމިއްލަ މަސްލަހަތަށް ވުރެން ބޮޑަށް އިސްކުރަން ޖެހޭނީ ގައުމާއި ރައްޔިތުންގެ މަސްލަހަތެވެ. އެ ނޫން ގޮތަކަށް ގައުމަށް ހަމަޖެހުމާއި ކުރިއެރުން ނުލިބޭނެ ކަމަށް އަމީން ވިދާޅުވި އެވެ.