ތުރާން 16 މެޗަށް ސަސްޕެންޑްކޮށްފި
ތުރާން 16 މެޗަށް ސަސްޕެންޑްކޮށްފި

އިސްތަންބޫލް، ތުރުކީ (މޭ 11) – ތުރުކީ ލީގުގެ މެޗެއްގެ ތެރެއިން އެސިސްޓަންޓް ރެފްރީ ކޮއްޕާލުމާ ގުޅިގެން އެ ގައުމުގެ އިސްތަންބޫލް ބަސެކްސެހިރްގެ މިޑްފީލްޑަރު އާޑާ ތުރާން 16 މެޗަށް ސަސްޕެންޑްކޮށްފި އެވެ.

ބާސެލޯނާގެ ލޯނެއްގެ ދަށުން އެ ޓީމަށް ކުޅެމުން އަންނަ ތުރާން މި އަމަލު ހިންގީ ތުރުކީ ލީގުގައި މިދިޔަ ހުކުރު ދުވަހު ސިވަސްސްޕޯއާ 1-1 އިން އެއްވަރުވި މެޗުގަ އެވެ. އެ މެޗުގެ 14 ވަނަ މިނެޓުގައި ބަސެކްސެހިރް އިން ކުރި ހޯދާފައިވަނިކޮށް 38 ވަނަ މިނެޓުގައި ދެއްކި ރަތަކާ އެކު އެކަކު މަދުވި އެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި ތުރާން އަށް ދެއްކި ރަތްކާޑާ އެކު ދެ ކުޅުންތެރިން މަދުވިއިރު ފަހު ވަގުތު ބައިކޮޅަށް ލަނޑެއް ވަދެ މެޗު ވެސް އެއްވަރުވީ އެވެ.

ތުރުކީ ގައުމީ ޓީމަށް 100 މެޗު ކުޅެދީފައިވާ ތުރާން އަށް އެ ދުވަހު ސީދާ ރަތްކާޑެއް ދެއްކީ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން ދެ އަތުން އެސިސްޓަންޓް ރެފްރީ ކޮއްޕާލުމުންނެވެ. އެއަށް ފަހު ވެސް އޭނާ ދިޔައީ ރުޅިވެރިކަން ފާޅުކުރަމުންނެވެ.

ތުރާން އަށް ދިން 16 މެޗުގެ ސަސްޕެންޝަނުގެ ތެރެއިން 10 މެޗަކީ ރެފްރީ އަށް ހަމަލާ ދިނުމުން ދިން އަދަބެކެވެ. އެސިސްޓަންޓް ރެފްރީއާ ހުތުރު ބަހުން މުއާމަލާތްކުރުމުން ތިން ތިން މެޗު އިތުރުކުރިއިރު އޭނާ އަށް ބިރު ދެއްކުމުން ވެސް ތިން މެޗު އިތުރުވި އެވެ.

ބަސެކްސެހިރްއާ ތުރާން ޖެނުއަރީ މަހު ގުޅުނީ ދެ އަހަރާއި ބައިގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެތުލެޓިކޯ މެޑްރިޑުން 2015 ވަނަ އަހަރު ބާސެލޯނާއާ ގުޅުނު އުމުރުން 31 އަހަރުގެ ތުރާން އަށް އެ ޓީމުގައި މާގިނަ ފުރުސަތުތަކެއް ނުލިބުނެވެ.