ޔުނައިޓެޑަށް ދެ ވަނަ، މޮރީނިއޯ އުފާފާޅެއް ނުކުރާނެ
ޔުނައިޓެޑަށް ދެ ވަނަ، މޮރީނިއޯ އުފާފާޅެއް ނުކުރާނެ

ލަންޑަން (މޭ 11) – ވެސްޓް ހޭމް ޔުނައިޓެޑާ 0-0 އިން ރޭ އެއްވަރުވުމުން އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމް މެންޗެސްޓާ ޔުނައިޓެޑަށް ކަށަވަރުވެއްޖެ އެވެ. އެކަމަކު އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އުފާފާޅެއް ނުކުރާނެ ކަމަށެެވެ.

ބާކީ އެއް މެޗު އޮއްވާ ޔުނައިޓެޑުން ލީގުގެ ރަނަރަޕްގެ މަގާމް ހޯދީ 78 ޕޮއިންޓާ އެކު އެވެ. މިއީ ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓާ ސިޓީ އަށް ވުރެ 19 ޕޮއިންޓް މަދު އަދަދެކެވެ. އެކަމަކު މި ފަހަރު މޮރީނިއޯ މިވަނީ އޭނާގެ ފުރަތަމަ ސީޒަނާ ބަލާއިރު ނުވަ ޕޮއިންޓް އިތުރަށް ހޯދައި ހަތަރު މަގާމް ކުރިއަށް ޖެހިލައިފަ އެވެ.

"އަހަރެން ފުންމަމުން ނުދުވާނަން. އެއީ އަހަރެންގެ ކިބައިގައި ހުންނަ ކަމެއް ނޫން އަދި އަހަރެންގެ މާޒީގައި ވެސް ހިނގި ކަމެއް ނޫން. މެންޗެސްޓާ ޔުނައިޓެޑުގެ ވެސް ގޮތަކީ އެއީ. އަހަރެމެން ދެ ވަނަ މަގާމު ފާހަގައެއްނުކުރަން،" މޮރީނިއޯ ބުންޏެވެ. "އެކަމަކު އަހަރެމެން މިތިބީ އުފަލުން ސަބަބަކީ، ކުޑަ ދުވަސްކޮޅަކު އަހަރެމެންނަށް އެނގިއްޖެ ލީގު ހޯދުމަކީ ނުވާނެ ކަމެއްކަން، އަދި ޓާގެޓަކަށްވީ ދެ ވަނަ މަގާމް."

މޮރީނިއޯ ބުނީ ގަދަ ހަތަރެއްގައި ނިންމާލުމަކީ މުހިއްމު ކަމެއް ކަމަށާއި ސީދާ ހަތަރު ވަނައިގައި ނިންމުމަށް ވުރެ ދެ ވަނައިގައި ނިންމުން ރަނގަޅު ކަމަށެެވެ.

"އަހަރެން ދެކޭ ގޮތުގައި އަހަރެމެންނަށް އެ މަގާމް ހައްގު. ކުޅުންތެރިންނަށް ހައްގު. އަދި މިހާ އުނދަގޫ މިހާ ތަފާތު ލީގެއްގެ ދެ ވަނަ ހޯދުމަކީ ގޯސް ނަތީޖާއެއް ނޫން،" މޮރީނިއޯ ބުންޏެވެ.

ލަންޑަން ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުނުވުމުގެ ޝުކުރު ހައްގުވަނީ ވެސްޓް ހޭމްގެ ސްޕެއިން ގޯލްކީޕަރު އެޑްރިއަން އަށެވެ. ޔުނައިޓެޑުގެ ކުރީގެ ކޯޗު ޑޭވިޑް މޮއިސްގެ އިރުޝާދުގެ ދަށުން ކުޅުނު ވެސްޓް ހޭމް އޮތީ 39 ޕޮއިންޓާ އެކު 15 ވަނައިގަ އެވެ.