10 މެއި 2018 - 23:00

ކުއާލަ ލަމްޕޫރު (މެއި 10) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީ އިން ވަގަށް ނެގި ބިލިއަން ޑޮލަރު ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް މެލޭޝިއާގެ އާ ބޮޑު ވަޒީރު މަހާތިރު މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

"އިންވެސްޓްމަންޓް ފަންޑް 1އެމްޑީބީ އިން ލޫޓުވާލި ފައިސާތައް ހޯދަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ،" ބޮޑު ވަޒީރުކަމުގެ ހުވާ ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހާތިރު ވިދާޅުވި އެވެ.
ބޭންކުން ވަނީ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އަމިއްލަ އެކައުންޓަށް 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. އެކަމަކު އެއީ ސައުދީން ދިން އެހީއެއްގެ ގޮތުގައި ވަނީ ނިންމައިފަ އެވެ. ނަޖީބު ވަނީ ކޮރަޕްޝަނުގެ ތުހުމަތު ދޮގު ކުރައްވައިފަ އެވެ.
ނަޖީބުގެ ކިބައިން ބަދަލު ނުހިއްޕަވާނެ ކަމަށް މަހާތިރު ވިދާޅުވި ނަމަވެސް 1އެމްޑީބީ ބޭންކުގެ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މެލޭޝިއާގައި ކުރިން ވެސް 22 އަހަރު ބޮޑު ވަޒީރުކަން ކުރެއްވި މަހާތިރު ވިދާޅުވީ އެންމެ ބޮޑު ސަމާލު ކަމެއް ދެއްވާނީ ގައުމުގެ އިގްތިސާދަށް ކަމަށެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ދިރިއުޅުމުގެ އަގުތައް ބޮޑުވެގެން އެކަމުގެ ދަތިތައް ރައްޔިތުންނަށް ކުރިމަތިވިކަން މަހާތިރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މަހާތިރު ވިދާޅުވީ ޑިމޮކްރެސީއާ ފުށުއަރާ ގޮތަށް ހަދާފައި ހުރި ގާނޫނުތައް އެމަނިކުފާނުގެ ވެރިކަމުގައި އުވާ ލައްވާނެ ކަމަށެވެ. އަދި ދާދި ފަހުން ފާސްކުރި އަދި ފާޑުކިޔުންތައް އަމާޒުވި "ފޭކް ނިއުސް"ގެ ގާނޫނު އަލުން މުރާޖައާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެ ގާނޫނުގެ ދަށުން މަހާތިރުގެ މައްސަލައެއް ވެސް މިހާރު ދަނީ ބަލަމުންނެވެ.