10 މެއި 2018 - 23:30

ރާއްޖޭގައި ރައްޔިތުންގެ ބާރު ނެތިގެން ހިނގައްޖެ ކަމަށާއި ހައްގުތައް ކަށަވަރުކޮށްދޭ ގޮތަށް ހެދި ގާނޫނުއަސާސީ ވެސް ވަނީ ކަފުންވެފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް އެ ޕާޓީގެ ޖަގަހަ. މ. ކުނޫޒުގައި "ހޭވައްލާ ޖޭޕީ" ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ޖަމީލް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމާއި އަމާންކަމަކީ އެ ގައުމެއްގައި އޮންނަ ގާނޫނުއަސާސީ ކަމަށެވެ. އަނިޔާއެއް ލިބިއްޖެ ނަމަ އިންސާފު ލިބޭނެކަމުގެ ޔަގީންކަން އޮންނަ ކަމަށާއި ނަމަވެސް، ރާއްޖޭގައި އެ ފުރުސަތު ނެތް ކަމަށް ވިދާޅުވި އެވެ.
"...ރާއްޖޭގައި މިއޮތީ އެކަން ނެތިގެން ގޮސްފައި. ރައްޔިތުންގެ ބާރު ނެތިގެން ހިނގައްޖެ. މުއައްސަސާތަކުން ގާނޫނާ އެއްގޮތަށް މަސައްކަތް ކުރޭތޯ؟. ހިތާމައާއެކު ދަންނަވާލަން ރާއްޖޭގައި ގާނޫނު މި ވަނީ ކަފުންވެފައި. ގާނޫނު މިވަނީ ފަހަނައަޅާ ގޮސްފައި،" އިނގިރޭސިވިލާތުގައި ހުންނަވައި ވީޑިއޯ މެދުވެރިކޮށް ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ އަމިއްލަ ނަފްސަަށްވުރެ ބޮޑަށް ގާނޫނަށާއި ރައްޔިތުންނަށް އިހުތިރާމް ކުރާ ވެރިއެއް ކަމަށެވެ. އަދި ރައްޔިތުންގެ އިހުސާސްތައް ރަނގަޅަށް އެނގި، މައްސަލަތަކަށް ހައްލު ހޯދައިދޭން ބޭނުންވެފައިވާ ކަމަށާއި އެކަން ކުރެވޭނީ ޖުމްހޫރީ ޕާޓީއަށް ކަމަށް ވެސް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު، ޖަމީލް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނާ އެކު ނައިބު ރައީސް ކަމަށް އިންތިހާބުކޮށްފައި ވަނިކޮށް މަގާމުން ދުރުކުރި ޖަމީލް ވިދާޅުވީ ކޯލިޝަނަކާއެކު 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ އިހުލާސްތެރިކަމާއެކު ހިދުމަތް ކުރައްވަން ކަމަށެވެ. އިޖުތިމާއީ އަދި އިގުތިސާދީ ވައުދުތަކެއް ވެސް ވެވަޑައިގެންނެވި ކަމަށާއި އެ ވައުދުތައް ފުއްދުމަށްޓަކައި މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެ ފުރުސަތު ނުދިން ކަމަށް ޖަމީލް ވިދާޅުވި އެވެ.
"އިގްތިސާދީ އަދި އިޖުތިމާއީ ވައުދުތަކަކާއެކު ވެރިކަމަށް ވަޑައިގެންނެވީ. އެކަންތައް ރަނގަޅުކުރުމަށްޓަކައި އިހުލާސްތެރިކަމާއެކު ރައްޔިތުންގެ އަޑު އެހިން. މާތްﷲ އިރާދަކުރެއްވިއްޔާ މިއަދު އެ ފުރުސަތު ރާއްޖެއަށް އަލުން ހޯދައިދޭނަން،" ޖަމީލް ވިދާޅުވި އެވެ.
ތަރައްގީއަކީ ވަކި އަތޮޅަކަށާއި ރަށަކަށް ލިބެން ޖެހޭ އެއްޗެއް ނޫން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި ކަނޑުގެ މުއްސަނދިކަމުގެ ފައިދާ އެންމެންނަށް ވެސް ލިބެން ޖެހޭ ކަމަށާއި އޭގެ ތެރެއިން ވެސް އާއްމު ރައްޔިތުންގެ ހައްގުތަކަކީ ހޯދައިދޭންޖެހޭ އެއްޗެއް ކަމަށް ވެސް ވިދާޅުވި އެވެ. ޖަމީލް ވިދާޅުވި ގޮތުގައި އެ ކަންތައްތައް ހޯދައިދިނުމަށް ޖޭޕީއާ ގުޅެންޖެހެ އެވެ.