10 މެއި 2018 - 22:25

ވޮޝިންޓަން (މެއި 10) - ނޯތު ކޮރެއާގ ލީޑަރު ކިމް ޖޮން-އުންއާ އެކު ބާއްވާ ސަމިޓް އޮންނާނީ އަންނަ ޖޫން މަހު 12 ވަނަ ދުވަހު ސިންގަޕޫރުގައި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ އިއުލާން ކުރައްވައިފި އެވެ.
"އެއީ ދުނިޔޭގެ ސުލްހަ އަށް ޓަކައި ވަރަށް މުހިންމު ބައްދަލުވުމަކަށް ވާނެ ކަމަށް އަޅުގަނޑުމެން ދެ މީހުން ވެސް އުއްމީދު ކުރަން،" އެމެރިކާގެ ރައީސް ޓްވީޓް ކުރައްވާފައިވެ އެވެ.
ނޯތު ކޮރެއާގެ ލީޑަރާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެ ޓްރަމްޕް މިދިޔަ މާޗް މަހު ވަނީ މުޅި ދުނިޔެ އަށް ހައިރާންކަން ގެނުވައިފަ އެވެ. އޭގެ ކުރިން ދެ ބޭފުޅުން ވަނީ ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ.
ކިމްއާ އެކު ސަމިޓް ބާއްވާނެ ތަނެއް ޓްރަމްޕް އިއުލާން ކުރައްވާފައި މި ވަނީ ނޯތު ކޮރެއާގައި ތިބި އެމެރިކާގެ ތިން ގައިދީން މިނިވަން ކުރުމަށް ފަހު އެ މީހުން އަނބުރާ ގައުމަށް ގެނައިތާ މާގިނައިރެއް ނުވަނީހެވެ. ތިން ގައިދީން މިނިވަންކޮށްފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ނޯތު ކޮރެއާ އަށް ވަޑައިގެން ކުރެއްވި މަޝްވަރާތަކާ ގުޅިގެންނެވެ.
އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އެއްވެސް ބޭފުޅަކު ނޯތު ކޮރެއާގެ ލީޑަރަކާ މިހާތަނަށް ބައްދަލު ކުރައްވައިފައެއް ނުވެ އެވެ. ކިމް އާއި ޓްރަމްޕުގެ ސަމިޓުގެ މައިގަނޑު މަޝްވަރާއަކަށް ވާނީ ކޮރެއަން ޕެނިންސުލާ އަކީ ނިއުކްލިއާ ހަތިޔާރު ނެތް ތަނަކަށް ހެދުމެވެ. ކޮމިއުނިސްޓް ނޯތު ކޮރެއާ އިން ވަނީ 2006 ވަނަ އަހަރުގެ ފަހުން ހަ ނިއުކްލިއާ ޓެސްޓް ކޮށްފަ އެވެ.
ސަައުތު ކޮރެއާގެ ރައީސް މޫން ޖައި-އިންއާ އެކު އެޕްރީލް މަހު ބޭއްވި ބައްދަލުވުމަށް ފަހު ކިމް ވަނީ ނިއުކްލިއާ ޓެސްޓްތައް ނޯތު ކޮރެއާ އިން ހުއްޓާލިކަން އިއުލާން ކުރައްވައިފަ އެވެ.