10 މެއި 2018 - 18:41

ތެހެރާން (މެއި 10) - އީރާނުގެ ނިއުކްލިއާ އެއްބަސްވުން އުވާލުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހެއްދެވި ގޯހެއް ކަމަށް ވިދާޅުވެ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އިންޒާރު ދެއްވައިފި އެވެ.
"އެންމެ ފުރަތަމަ ދުވަހު ވެސް އަޅުގަނޑު ދެންނެވިން އެމެރިކާ އަށް އިތުބާރު ނުކުރަން،" ޚާމަނައީ ވިދާޅުވި އެވެ.
ނިއުކްލިއާ އެއްބަސްވުމައިގެން އީރާނުން ކުރިއަށް ދިއުމުގެ ކުރިން ޔޫރަޕުގެ ގައުމުތަކުން ގެރެންޓީ ހޯދުމަށް ޚާމަނާއީ ވަނީ އެދިވަޑައިގެންފަ އެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އީރާނުގެ ނިއުކްލިއާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުން ކަމަށްވާ އެމެރިކާ، އިނގިރޭސި ވިލާތް، ފްރާންސް، ޗައިނާ އަދި ރަޝިޔާގެ އިތުރުން ޖަރުމަނެވެ. ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވި ނަމަވެސް ދެން ތިބި ގައުމުތަކުން ވަނީ އެ އެއްބަސްވުން ދަމަހައްޓާނެ ކަމަށް ބުނެފަ އެވެ. އީރާނުގެ ރައީސް ހަސަން ރޫހާނީ ވެސް ވަނީ އެއްބަސްވުން ސަލާމަތް ކުރަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އީރާނުގައި އެންމެ ފަހު ބަސް ވިދާޅުވާ ޚާމަނާއީ ދެއްވި ތަގްރީރެއްގައި ވަނީ އިނގިރޭސި ވިލާތާއި ފްރާންސް، އަދި ޖަރުމަނަށް ވެސް އިތުބާރު ނުކުރަން އެދިވަޑައިގެންފަ އެވެ.
"އެ ގައުމުތަކުގެ ވެރިންގެ ބަހުގައި އިތުބާރެއް ނެތް،" އީރާން ޓީވީން ދެއްވި ތަގްރީރުގައި ޚާމަނާއީ ވިދާޅުވި އެވެ.