11 މެއި 2018 - 07:33

ދިރިއުޅުމުގެ އެންމެހާ ކަންކަން ފުރިހަމަ އަދި އަދުލުވެރި ގޮތުގައި އިންތިޒާމު ކުރެވޭނެ މުހިންމު އަސާސްތަކެއްގެ މަތީ މުޖުތަމައު ބިނާ ކުރުމަށް އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅަ އެވެ. މި އަސާސްތައް ބިނާވެފައިވަނީ މި އަސާސްތަކާ ގުޅޭ ވަރަށް މަތިވެރި އުސޫލުތަކެއް މުޖުތަމައުގައި ދެމެހެއްޓުމުގެ މައްޗަށެވެ. މިގޮތުން މުޖުތަމައުގައި ދަމަހައްޓަން ޖެހޭ އެއް އަސާސަކީ އިސްލާމީ ސަމާޙަތެވެ.
އިސްލާމީ ސަމާޙަތޭ ބުނާ ބަހުގެ މުރާދަކީ އިސްލާމް ދީން ގެނެސްދީފައިވާ ލުއިފަސޭހަކަމާއި އޯގާތެރިކަމާއި ދީލަތިކަމާއި ހެޔޮކޮށް ހިތުން ފަދަ ޢަފޫކުރުންތަކެވެ. އިސްލާމް ދީނަކީ ލުއިފަސޭހަ ދީނެކޭ ބުނުމުން ބައެއް މީހުންނަށް ހީވެފައި އޮންނަނީ ލުއިފަސޭހަ ކަމަށް ވާނީ ތަކުލީފުތައް މަދުވުމުން ނުވަތަ އެއްގޮތަކަށް ވެސް ތަކުލީފެއް ނެތުމުން ކަމުގައެވެ.
ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އެއްވެސް އަމާޒަކަށް މީހަކު ވާސިލުވެ ކާމިޔާބު ނަތީޖާތަކެއް ހޯދަން ބޭނުންވާ ހަމަ ކޮންމެ ހާލަތެއްގައި ވެސް ތަކުލީފުތަކެއް ނުއުފުލައި އެކަން ކުރެވޭނެ ގޮތެއް ދުނިޔަވީ އަމާޒުތަކަށް އެކަނި ބެލިއަސް ނޯންނަ ކަމެވެ. ވީއިރު އުޚުރަވީ ހަޔާތާއި އަދި ދިރިއުޅުމުގެ ހަޔާތާއި ދެތަން ކާމިޔާބު ކުރަން ބޭނުންވާ މީހަކަށް ތަކުލީފެއް ނެތި އެކަމެއް ނުކުރެވޭނެ އެވެ.
އެހެންކަމުން ލުއިފަސޭހަ ދީނެކޭ ބުނާ ބަހުގެ މުރާދަކީ ތަކުލީފުތައް އުފުލުމުގައި މުއުމިނުންނަށް ތަހައްމަލު ނުކުރެވޭ ދަރަޖައަށް ތަކުލީފުތައް ނޯންނަ ވާހަކަ އެވެ. އަދި ދިރިއުޅުމުގެ ތެރެއިން ދިމާވާ އެކި ކަންކަމާ ގުޅިގެން ތަކުލީފުތައް އަދާ ކުރުމުގައި ޢަފޫކޮށް ލުއިފަސޭހަ ގޮތްތައް ޝަރުއު ކުރައްވާފައި ވުމެވެ. މީގެ އިތުރުން ތަކުލީފުތަކުގެ މަގުސަދަކީ މީސްތަކުންނަށް އުދަނގުލާއި ބުރަކަން ޖެއްސުން ނޫން ކަމަށް ވުމެވެ.
ﷲ ގެ ވަހީ ބަސްފުޅުގެ މާނައިގައި ވަނީ "އަދި ދީނުގައި އުނދަގޫ ވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ." (އަލްޙައްޖު 78). އެހެން އާޔަތެއްގެ މާނައިގައި ވަނީ "ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް ﷲ އިރާދަ އެއް ނުކުރައްވަތެވެ." (އަލްމާއިދާ 6)
މި އާޔަތުގެ ކުރީ ބައިގައި ބަޔާން ކުރައްވާފައި ވަނީ ވުޟޫ ކުރުމާއި ހިނައިގަތުމުގެ ވާހަކަ އެވެ. އަދި އެކަމުގައި ދަތިކަމެއް ލެއްވުމެއް ނެތްކަން ބަޔާން ކުރެއްވުމަށްފަހު ދެން ބަޔާން ކުރައްވަނީ އެކަލާނގެ އިރާދަ ކުރައްވަނީ މުއުމިނުތަކުން ތާހިރު ކުރެއްވުމާއި އެބައިމީހުންގެ މައްޗަށް އެކަލާނގެ ނިއުމަތް ފުރިހަމަ ކުރެއްވުން ކަމަށެވެ.
ރޯދަ ހިފުމުގައި ދަތުރުވެރިންނާއި ބަލި މީހުންނަށް ލުއި ގޮތްތަކެއް ޝަރުއު ކުރެވިފައިވާ ކަން ކީރިތި ޤުރުއާނުގައި ބަޔާން ކުރެއްވުމަށް ފަހު ވެސް ދެން އަންގަވަނީ "ﷲ ތިޔަބައި މީހުންނަށް ލުއިފަސޭހަ ގޮތް އިރާދަ ކުރައްވަތެވެ. އަދި ދަތި އުނދަގޫ ގޮތް ތިޔަބައި މީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ." ތަފުސީރު އިލްމުވެރިން ވިދާޅުވާ ގޮތުގައި މިތަނުގައި އިރާދަގެ މާނައަކީ އެކަލާނގެ އެދިވޮޑިގަންނަވާ ގޮތުގެ ވާހަކަ އެވެ.
އެކަލާނގެ ކަންކަން މިންވަރު ކުރައްވާ ގޮތުގެ ވާހަކައެއް ނޫނެވެ. އެހެންކަމުން ދިރިއުޅުމުގައި ތަފާތު ސަބަބުތަކާ ހުރެ އިންސާނުންނަށް އެކި ކަހަލަ ދަތިތަކާއި އުނދަގޫތައް ކުރިމަތިވަމުން ދިޔަ ކަމުގައި ވިއަސް އިސްލާމީ ޝަރީއަތުގެ ހުކުމްތަކުގައި އަބަދުވެސް ފެނިގެންދާނީ މަޢާފު ކުރުމާއި ލުއި ފަސޭހަ ކަމާއި ރަހުމަތާއި އޯގާތެރިކަން އެކުލެވިގެންވާ ތަނެވެ.
ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސްފުޅު ކުރައްވަނީ ﷲ ގެ ހަޒުރަތުގައި އެންމެ ލޯބިވެތިވެގެން ވަނީ އެއްކައުވަންތަ ކަމަށް ގޮވާލާ ލުއިފަސޭހަ ދީން ކަމުގައިވާ އިސްލާމް ދީން ކަމަށެވެ. (ބުޚާރީ)
އިސްލާމް ދީނުގެ ލުއިފަސޭހަކަން ފެނިގެންދާ ކަންކަމުގެ ތެރޭގައި ދިރިއުޅުމުގައި އަންނަ ޟަރޫރީ ހާލަތްތަކުގައި އެ ޟަރޫރަތްތައް ފުއްދާލެވޭ މިންވަރަށް ހަރާމް ކަމަކަށް އަރައިގަންނަން ޖެހުނަސް އެއީ ފާފަވެރި ނުވާނެ ކަމެއް ކަމުގައި ﷲ ލައްވާފައި ވުން ހިމެނެ އެވެ. އަލްބަޤަރާ ސޫރަތުގެ 173 ވަނަ އާޔަތުން މިކަން އެނގެއެވެ.
އަދި މީސްތަކުންނަށް އުފާވެރިކަމުގެ ޚަބަރު ދިނުމަށާއި ނަފުރަތު ނުކުރުވުމަށާއި ފަސޭހަ ކުރުމަށާއި ދަތި އުނދަގޫ ނުކުރުމަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވަސިއްޔަތް ކުރައްވާފައި ވުން ވެސް ހިމެނެ އެވެ. (ބުޚާރީ އާއި މުސްލިމް).
ޢާއިޝަތުގެފާނު ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާގެ އަރިހުގައި ދެ ކަމެއްގައި އިޚުތިޔާރު ދެވިއްޖެ ނަމަ އޭގެ ތެރެއިން (ފާފައެއް ކަމުގައި ނުވާ ނަމަ) އަބަދުވެސް އިޚުތިޔާރު ކުރައްވަނީ އެންމެ ލުއިފަސޭހަ ގޮތެވެ. (މުސްލިމް). އަދި އެހެން ހަދީސްފުޅެއްގައި ވެއެވެ. "ހަމަކަށަވަރުން ﷲ މީސްތަކުންނަށް ދެއްވާ ލުއިފަސޭހަ ކަމުގައި މީސްތަކުން ހިފުމަށް އެކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ." (އަޙުމަދު)
އަދި މި ނޫނަސް އެހެން ހަދީސްތަކާއި ކީރިތި ޤުރުއާނުގެ އާޔަތްތަކުން އިސްލާމް ދީނުގައިވާ ލުއިފަސޭހަ ކަން ފެނިގެން ދެއެވެ. ހަރުކަށިކަމުގެ ބަދަލުގައި މަޑުމައިތިރިކަން ގެންގުޅުމަކީ ލުއިފަސޭހަ ކަމާ ގުޅިފައިވާ މުހިންމު ސިފައެކެވެ. އެހެންކަމުން މަޑުމައިތިރިކަން ކޮންމެ ކަމެއްގައިވެސް ގެންގުޅުމަށް އިސްލާމް ދީން ބާރު އަޅައެވެ.
ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވަނީ އެއްވެސް ކަމެއްގައި މަޑުމައިތިރި ކަން އެކުލެވޭ ނަމަ އެކަމެއް ފުރިހަމަވެ ޒީނަތްތެރިވެގެން ވާނެ ކަމަށެވެ. (މުސްލިމް). އަދި ޢާއިޝަތުގެފާނާ މުޚާތަބު ކުރައްވައި އެކަލޭގެފާނު ހަދީސް ކުރައްވަނީ "އޭ ޢާއިޝަތުގެފާނެވެ! ހަމަކަށަވަރުން ކޮންމެ ކަމެއްގައިވެސް މަޑުމައިތިރި ގޮތް އޮތުމަށް މާތްﷲ ލޯބިވެ ވޮޑިގަންނަވަ އެވެ." (ބުޚާރީ އާއި މުސްލިމް)
މަޑުމައިތިރި ކަމާ ގުޅިފައިވާ އަދި އިސްލާމް ދީނުގެ ސަމާޙަތު އިތުރަށް ކަށަވަރު ކޮށްދޭ އަނެއް މުހިންމު ސިފައަކީ އޯގާތެރިކަމެވެ. އޯގާތެރި ކަމަކީ އިސްލާމީ މުޖުތަމައުގައި ދަމަހައްޓަން ޖެހޭ މުހިންމު ސިފައެކެވެ. އިސްލާމް ދީން ގޮވާލާ އޯގާތެރި ކަމަކީ ހަމައެކަނި މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ ސިފައެއް ނޫނެވެ.
އެއީ އެންމެހާ އިންސާނުންނާ އަދި ކިއެއްތަ، ހައިވާނުންނާ މެދު ވެސް މުސްލިމުން މުއާމަލާތު ކުރުމުގައި ދަމަހައްޓަން ޖެހޭ ސިފައެކެވެ. ކީރިތި ރަސޫލާ ބަޔާން ކުރައްވާ ގޮތުގައި އެކަލޭގެފާނު ފޮނުއްވިގެން ވަނީ އެންމެހައި ޢާލަމްތަކަށް ރަޙުމަތެއް ކަމުގަ އެވެ. ޢާލަމްތަކަށް ހުރި ވޭނެއްގެ ގޮތުގައި ނޫން ކަމުގަ އެވެ. (ބުޚާރީ ގެ އައްތާރީޚު)
ކީރިތި ރަސޫލާ އަކީ ރަޙުމަތެއް ކަމުގައި ވުމުން މީސްތަކުން ވެސް ރަޙުމް ކުރުން ނުވަތަ އޯގާތެރިކަމުގައި ހިފުމަށް އެކަލޭގެފާނު ވަރަށް ވަރުގަދައަށް ވަސިއްޔަތް ކުރައްވަ އެވެ. އެކަލޭގެފާނު ހަދީސްފުޅު ކުރައްވަނީ "އޯގާތެރިވާ މީހުންނަށް އޯގާވަންތަ ރަސްކަލާނގެ ރަޙުމަތް ލައްވާނެ އެވެ. (ވީމާ) ބިމުގައިވާ ފަރާތްތަކަށް ތިޔަބައިމީހުން އޯގާތެރިވާށެވެ! އޭރުން އުޑުގައިވާ ފަރާތުން (އެބަހީ ﷲ ގެ ހަޒްރަތުން) ތިޔަބައިމީހުންނަށް ރަޙުމަތް ލައްވާނެތެވެ." (ބުޚާރީ އާއި މުސްލިމް). އަދި އެހެން ހަދީސެއްގައިވާ ގޮތުން ﷲ ރަޙުމަތް ލައްވާނީ އެކަލާނގެ އަޅުތަކުން ކުރެ އޯގާތެރި އަޅުންނަށެވެ. (ބުޚާރީ އާއި މުސްލިމް)
އެހެންކަމުން މުސްލިމުންގެ މައްޗަށް ލާޒިމު ވެގެންވަނީ އިސްލާމީ މުޖުތަމައުތަކުގައި އިސްލާމީ ސަމާޙަތު ދެމެހެއްޓުމެވެ. ދީނުގެ ކަންކަމުގައި އޮންނަ ލުއިފަސޭހަތައް ބޭނުން ކުރުމެވެ. އަޅުކަންތަކާއި ދީނުގެ އެހެނިހެން ހުކުމްތަކަށް މީސްތަކުން ތަބާ ކުރުވުމުގައި ވެސް ހަރުކަށިކަމާއި ގަދަބާރުން ކަންކަން ކުރުވުމުގެ އުސޫލު ނުގެންގުޅުމެވެ.
ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ވާސިލުވާން ބޭނުންވާ އަމާޒު ނުގެއްލޭ ނަމަ ލުއިފަސޭހަ ގޮތް ބޭނުން ކުރުމެވެ. އަދި އޯގާތެރިކަމުގެ ސިފަ ދަމަހައްޓައި ކޮންމެ ކަމެއްގައި ވެސް މަޑުމައިތިރި އުސޫލު ބޭނުން ކުރުމެވެ. ރައްކާތެރި ކުރަން އިސްލާމް ދީން އަމާޒު ކުރާ ދީނުގެ މަގުސަދުތަކުން ކުރެ މަގުސަދެއް ގެއްލިގެން ނުދާނަމަ އަދި ފާފައެއް ކަމުގައި ނުވާ ނަމަ ހަމަ ކޮންމެ ކަމެއްގައިވެސް ޢަފޫ ކުރުމާއި މަޑުމައިތިރި ކަމާއި އޯގާތެރިކަމުގެ ގޮތް ބޭނުން ކުރުމެވެ.
އިސްލާމީ ސަމާޙަތު މުޖުތަމައުގައި ދެމެހެއްޓުމުގެ މިއަސާސް ތަންފީޒު ކުރުމަކީ ވަކި މީހަކަށް ހާއްސަވެގެންވާ ކަމެއް ނޫނެވެ. މިއީ އެންމެންވެސް ހަމަ ހުރިހާ ކަމެއްގައިވެސް ގެންގުޅެން ޖެހޭ އަސާސެކެވެ.