10 މެއި 2018 - 14:36

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ބަތަލާ ނޭހާ ދޫޕިއާ އާއި އެކްޓަރު އަންގަދް ބޭދީ މިއަދު ކައިވެނިކޮށްފި އެވެ.
އެ ދެ މީހުން ވަރަށް ސިއްރު ހަފުލާއެއްގައި ކައިވެނިކުރީ ދެ މީހުން ވަރަށް ސީރިއަސްކޮށް ރައްޓެހިވެގެން އުޅޭ ކަމަށް އަޑުތައް ވެސް ފެތުރިފައި ވަނިކޮށެވެ.
ނޭހާ އާއި އަންގަދް ކައިވެނި ކުރިކަން ގިނަ ބަޔަކަށް އެނގުނީ ޑައިރެކްޓަރު ކަރަން ޖޯހަރް މިއަދު ކުރި ޓްވީޓަކުންނެވެ. އެ ޓްވީޓްގައި ދެ ތަރިންގެ ކައިވެނީގެ ހަފުލާގައި ނަގާފައިވާ ފޮޓޯއަކާ އެކު މަރުހަބާ ކިޔައިފަ އެވެ. އެކަމަކު ކައިވެންޏާ ބެހޭ އެއްވެސް ތަފުސީލެއް ނޭނގެ އެވެ.
ނެޓްފްލިކްސް އިން ގެނެސް ދޭން ހަމަޖެހިފައިވާ އެންތޮލޮޖީ ފިލްމް "ބޮމްބޭ ޓޯކީޒް" ގެ ދެވަނަ ބައި ހިމެނޭ ކަރަންގެ ސެގްމަންޓް "ލަވް ލަސްޓް ސްޓޯރީ" ގައި ނޭހާ ވަނީ މުހިއްމު ރޯލެއް ކުޅެފަ އެވެ.
މިހާރު އުމުރުން 37 އަހަރުގެ ނޭހާ ބޮލީވުޑަށް ނުކުތީ 2004 ގައި ރިލީޒް ކުރި "ޖޫލީ" އިންނެވެ. އޭނާއަކީ މިސް އިންޑިއާގައި ޓައިޓްލް ވެސް ހާސިލްކޮށްފައިވާ ބަތަލާއެކެވެ. އެއީ 2003 ގަ އެވެ.
އެމްޓީވީން ގެނެސްދޭ ރޯޑީޒްގެ މެންޓޯއިންގެ ތެރޭގައި ވެސް ހިމެނޭ ނޭހާ އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ގާރިބް ގާރިބް ސިންގަލް" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ކާޖޮލްއާ އެކު ކުޅޭ "އީލާ" އެވެ.
ނީހާގެ ފިރިމީހާ އަންގަދް އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރު ރިލީޒް ކުރި ސަލްމާން ހާންގެ "ޓައިޒާ ޒިންދާ ހޭ" އެވެ. އުމުރުން 35 އަހަރުގެ އަންގަދް ބޮލީވުޑަށް ނުކުތީ 2011 ގައި ރިލީޒް ކުރި "ފަލްޓޫ" އިންނެވެ.
އޭގެ ފަހުން އޭނާ ކުޅުނު ފިލްމްތަކުގެ ތެރޭގައި 2016 ގައި ރިލީޒް ކުރި "ޕިންކް" އާއި "ޑިއާ ޒިންދަގީ" އަދި ކަރަން ޕްރޮޑިއުސް ކުރި 2014 ގެ ފިލްމް "އުނގުލީ" ހިމެނެ އެވެ.
ނީހާ އާއި އަންގަދް ކައިވެނިކޮށްފައިވާ އިރު، މި ހަފުތާގައި ބަތަލާ ސޯނަމް ކަޕޫރާއި ނިއު ދިއްލީގެ ވިޔަފާރިވެރިޔާ އާނަންދް އަހޫޖާ ވެސް ވަނީ ކައިވެނިކޮށްފަ އެވެ.