"ބުރައްމަސްތުރާ" އަކީ ކަރަން ޖޯހަރްގެ އެންމެ އަގު ބޮޑު ފިލްމް
"ބުރައްމަސްތުރާ" އަކީ ކަރަން ޖޯހަރްގެ އެންމެ އަގު ބޮޑު ފިލްމް

ކަރަން ޖޯހަރްގެ އެއްވެސް ފިލްމެއްގެ ބަޖެޓް މާ ކުޑައެއް ނޫނެވެ. އޭނާ ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސް ވެސް ކުރާ ފިލްމްތަކުގެ ހިތްގައިމުކަމުން އެކަން ސާބިތު ވާނެ އެވެ. އެކަމަކު އަންނަ އަހަރު ރިލީޒް ކުރާ "ބުރައްމަސްތުރާ" އަކީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން މިހާތަނަށް ހަދާ އެންމެ އަގު ބޮޑު ފިލްމެވެ.

"ބުރައްމަސްތުރާ" އަކީ ކަރަން ޖޯހަރްގެ އެންމެ އަގު ބޮޑު ފިލްމް
"ބުރައްމަސްތުރާ" އަކީ ކަރަން ޖޯހަރްގެ އެންމެ އަގު ބޮޑު ފިލްމް

ބަލްގޭރިއާގައި ދާދި ފަހުން ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމައިލި ފިލްމްގެ ބަޖެޓަކީ 250 ކްރޯޑް ރުޕީސް (37 މިލިއަން ޑޮލަރު) ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ ފިލްމްގެ ކާސްޓުންގެ ފީ އާއި ޓެކްނިޝަނުންނާއި މުޅި ފިލްމްގައި ހިއްސާވާ އެންމެންގެ އާމްދަނީއާ އެކުގަ އެވެ. "ބުރައްމަސްތުރާ" އަކީ ހިންދީ ސިނަމާ އިން މިހާތަނަށް ފެނިފައި ނުވާވަރުގެ ވީއެފްއެކްސް ވެސް ފެނިގެން ދާނެ ފިލްމެކެވެ.

ކަރަން އަށް މިހާތަނަށް ވަރަށް ކާމިޔާބު ދެ ފިލްމް ކަމަށްވާ ޔެ ޖަވާނީ ހޭ ދީވާނީ (2013) އާއި ވޭކަޕް ސިދް (2009) ޑައިރެކްޓްކޮށް ދިން ޒުވާން ޑައިރެކްޓަރު އަޔާން މުކަރްޖީ، 34، ޑައިރެކްޓް ކުރާ "ބުރައްމަސްތުރާ" އަކީ ފެންޓަސީ/އެޑްވެންޗާ ފިލްމެކެވެ. މިއީ ޓްރޮލޮޖީއެކެވެ. މާނައަކީ ފިލްމްގެ މުޅި ވާހަކަ ބެލުންތެރިންނަށް ކިޔައި ދީ ނިންމާނީ ޖުމްލަ 3 ފިލްމުންނެވެ.

ފުރަތަމަ ބައި ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އޮގަސްޓް 15، 2019 ގަ އެވެ. ކަރަން އާއި އަޔާން ބުނެފައިވާ ގޮތުގައި "ބުރައްމަސްތުރާ" ގެ މުޅި ވާހަކަ އެއްކޮށް ކިޔައި ދޭނީ 8 އަހަރު ދުވަހުގެ ތެރޭގަ އެވެ.

މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ރަންބީރް ކަޕޫރް، އާލިއާ ބަޓް، އަމީތާބް ބައްޗަން އަދި ޓީވީ ބަތަލާ މޯނީ ރޯއި ފަދަ ތަރިން ހިމެނެ އެވެ.

އަންނަ އަހަރު ރިލީޒް ކުރަން ހުރި ކަރަންގެ ފިލްމްތަކުގެ ތެރެއިން އަބިޝެކް ވަރްމަން ޑައިރްކްޓް ކުރާ ޕީރިއަޑް ޑްރާމާ "ކަލަންކް" އަކީ ވެސް ބޮޑު ބަޖެޓް ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމްގެ ސެޓަށް އެކަނި ވެސް 15 ކްރޯޑް ރުޕީސް (2.3 މިލިއަން ޑޮލަރު) ހަރަދުކޮށްފައިވެ އެވެ.

ކަރަންގެ އެންމެ ފަހުގެ ފިލްމަކީ ހުކުރު ދުވަހު ދައްކަން ފެށި ޕޮލިޓިކަލް ޑްރާމާ "ރާޒީ" އެވެ.