11 މެއި 2018 - 07:29

މީގެ ކުރިން ވެސް ބައެއް ފިލްމްތަކުގައި ނުބައި ބައި ރޯލްތައް ކުޅެގެން ބެލުންތެރިންގެ ހިތްތައް އަތުލާފައިވާ އެކްޓަރު ސަންޖޭ ދަތު އަނެއްކާވެސް މި ހުނަރު ދައްކާލަން ފިލްމަކަށް ސޮއިކޮށްފި އެވެ.
މި ފަހަރު އޭނާ ވިލަންއެއްގެ ރޯލު ކުޅޭނީ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ދާދި ފަހުން އިއުލާން ކުރި ރަންބީރު ކަޕޫރް ޓައިޓްލް ރޯލް ކުޅޭ އެކްޝަން އެޑްވެންޗަ ފިލްމް "ޝަމްޝޭރާ" ގަ އެވެ. ފިލްމްގެ ވިލަންގެ ރޯލަށް ސަންޖޭ ސޮއި ކުރިކަން ވައިއާރްއެފުން ކުރި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ކުރިން އަޑު އަރާފައި އޮތް ގޮތުން ކަރަން މަލްއުތުރާ ޑައިރެކްޓް ކުރާ ފިލްމްގައި ސަންޖޭ ފެންނާނީ ރަންބީރުގެ ބައްޕަގެ ރޯލުންނެވެ. އެކަމަކު ސަންޖޭގެ ކުޅޭ ނުބައި ބައި ރޯލާ އެކު "ޝަމްޝޭރާ" ގައި މި ދެ މީހުންގެ ވަރުގަދަ ކުރިމަތިލުންތަކެއް ދައްކުވައި ދޭނެކަން މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ. މީގައި ރަންބީރު ކުޅެނީ ފޭރޭ މީހެއްގެ ރޯލެވެ. އޭނާ ފެންނާނީ ވެސް ވަރަށް ތަފާތު ގޮތަކަށެވެ.
މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށާނެ ކަމަށް ބުނެފައިވާ "ޝަމްޝޭރާ" ގެ ބަތަލާއަކީ ކާކު ކަމެއް އަދި ނޭނގެ އެވެ.
ސަބަބަކީ އަންނަ މަހުގެ 29 ގައި ރިލީޒް ކުރާ ފިލްމް "ސަންޖޫ" ގައި ރަންބީރު ސަންޖޭގެ ރޯލް ވެސް ކުޅެފައިވާތީ އެވެ.
މީގެ ކުރިން ސަންޖޭ ނުބައިބައި ރޯލްތައް ކުޅުނު ފިލްމްތަކުގެ ތެރޭގައި އަގުނީޕަތު (2012) އާއި ކަލްނަޔަކް (1993) ހިމެނެ އެވެ. ކުރީގެ "އަގުނީޕަތު" ގެ ރިމެކިންއެއްގެ ގޮތުގައި ކަރަން ޖޯހަރް ރިތިކް ރޯޝަނާ އެކު ގެނެސް ދިން "އަގްނީޕަތު" އަކީ "ޝަމްޝޭރާ" ގެ ޑައިރެކްޓަރު ކަރަން ޑައިރެކްޓް ކުރި ފިލްމެކެވެ.
ސަންޖޭ، 58، ގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ސާހިބު ބީވީ އޯރް ގޭންގްސްޓާ 3، ތޯރްބާޒް، ކަލަންކް އަދި ޕަނިޕަޓް ހިމެނެ އެވެ. މި ފިލްމްތަކުގެ ތެރެއިން އެންމެ އަވަހަށް ސިނަމާ އަށް އަންނާނީ ޖުލައި 27 ގައި ރިލީޒް ކުރާ "ސާހިބު ބީވީ އޯރް ގޭންގްސްޓާ 3" އެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ފަހު، ސަންޖޭ އަލުން ސްކްރީނަށް އައީ މިދިޔަ އަހަރު ރިލީޒް ކުރި "ބޫމީ" އިންނެވެ.