24 ޖުލައި 2016 - 13:18

ގުދުރަތީ ގޮތުން ނުވަތަ އިންސާނުންގެ ފަރާތުން ނަމަވެސް ގޯތިގެދޮރަށް ލިބޭ ގެއްލުމުގެ ސަބަބުން ދިމާވާ މާލީ ދަތިކަމުން އަރައިގަތުމަށް އެހީވެދޭ ހާއްސަ ލޯނެއް ބީއެމްއެލް އިން ތައާރަފް ކޮށްފި އެވެ.
މި ލޯނަކީ ދިމާވާ ހާދިސާތަކުން އަރައިގަތުމަށް ސަރުކާރުން ދޭ އެހީގެ ފުރިހަމަ ނަފާ ނުލިބޭކަމަށް ފާހަގަ ކުރެވޭތީ ސަރުކާރުގެ އެދުމުގެ ދަށުން ތައާރަފް ކުރި ލޯނެއް ކަމަށް ޑިފެންސް މިިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވި އެވެ.
ބީއެމްއެލްގެ މައި އޮފީހުގައި ލޯނު ތައާރަފް ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިއީ ހާދިސާތައް ދިމާވާ މީހުންނަށް އެ ހާދިސާއިން އަރައިގަނެ، އާންމު ހާލަތަށް ރުޖޫއުވުމަށް އެހީތެރިވެދޭނެ ލޯނެއް ކަމަށެވެ.
"މިފަދަ ގެއްލުމެއް ލިބުނުކަން ނުވަތަ ލިބުނު ގެއްލުމުގެ މައްޗަށް ބިނާކޮށް ޑިޒާސްޓާ މެނޭޖްމަންޓުން ނުވަތަ ސަރުކާރުން އެހީތެރިކަމެއް ލިބިފައި އޮވެއްޖެ ނަމަ ލޯނު ލިބޭނެކަން ކަށަަވަރު ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ލޯނަކީ ވަރަށް ލުއި ފަސޭހަ ލޯނެއް ކަމަށެވެ. އެގޮތުން، ލޯނު އަދާ ކުރުމަށް 15 އަހަރު ލިބޭ އިރު، ފުރަތަމަ އަހަރު އެއްވެސް ފައިސާއެއް ބޭންކަށް ދައްކާކަށް ނުޖެހެ އެވެ.
މި ބައްދަލުވުމުގައި ބޭންކުގެ ރީޓެއިލް ބޭންކިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ލޯނުގެ އިކުއިޓީ އަށް ވާ 40 ޕަސެންޓް ސަރުކާރުން ހަމަޖައްސައި ދޭއިރު، ބާކީ 60 ޕަސެންޓް ދޭނީ ބޭންކުން ކަމަށެވެ. ބޭންކުން ދޫކުރާ މިންވަރަށް އިންޓަރެސްޓްގެ ގޮތުގައި ނަގާނީ ބޭންކުގެ އެންމެ ކުޑަ އިންޓަރެސްޓް ރޭޓް ކަމަށްވާ ނުވަ ޕަސެންޓް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ލޯނު ލިބޭނީ އެ ފަރާތަކަށް ލިބުނު ގެއްލުން ބަލައި، އެސެސްޓު ކުރުމަށް ފަހު ކަމަށެވެ. އަދި މި ލޯނުގެ ދަށުން ފަސް ލައްކަ ރުފިޔާގެ އެހީ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެެވެ.