11 މެއި 2018 - 07:32

ބަރުދަން ލުއި ކުރަން ނުވަތަ ހިކެން ބޭނުން ނަމަ އަލުވި ކެއުމަކީ ވެސް ނަތީޖާ ނެރެން އެހީއަކަށް ވާނެ ކަމަށް ފަހުގެ ދިރާސާއެއްގައި ބުނެފި އެވެ.
އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން ޕާސްތާ ފަދަ ތަކެތި ކެއުމަކީ ވެސް ބަރުދަން ލުއިކުރަން އެހީވެދޭނެ ކަމެކެވެ. ހަމަ އެގޮތަށް އަލުއްވަކީ ވެސް ހިކެން މަސައްކަތް ކުރާ ނަމަ، ބޭނުންކުރަން ރަނގަޅު އެއްޗެއް ކަމަށް ދިރާސާގައި ބުންޏެވެ.
އެމެރިކަން ކޮލެޖް އޮފް ނިއުޓްރިޝަންގެ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން އަލުވި ފަދަ ބާވަތްތައް ކެއުމުން ބަނޑުހައިވުން ކުޑަކޮށް ދެ އެވެ. ނަތީޖާއަކީ ތަފާތު އެކި ކަހަލަ ޖަންކްފުޑްތަކުން މީހާ ދުރުކޮށް ދިނުމެވެ.
ދިރާސާ ހެދި އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަސިޓީގެ ޑރ. ނިކޮލާ ބަކްލަންޑް ވިދާޅުވި ގޮތުގައި ތާޒާ ތަރުކާރީ އާއި މޭވާ އާއި މަހާއި ބިސް ފަދަ ބާވަތްތައް ހިމެނޭ ޑައިޓެއް ނަމަ ނަމަ ބަރުދަން ލުއި ކުރަން ފަސޭހަވެ އެވެ.
ނިކޮލާ ވިދާޅުވި ގޮތުގައި ބައެއް މީހުންނަށް ޑައެޓް ކުރަން ދަތިވާ ކަމަކީ ނަގާ ޑައިޓުން ބަނޑުހައިކަން ނުފިލުމެވެ. އެހެންވެ މިކަމަށް އޮތް ހައްލަކީ ލޯ އެނަޖީ ޑެންސިޓީ ކާނާ ކެއުމަށް އިސްކަން ދިނުމެވެ. އެގޮތުން ތަރުކާރީގެ ތެރޭގައި ހިމެނޭ ކެރޮޓާއި އަލުވި ފަދަ ބާވަތްތައް ކެއުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
"އެ ބާވަތްތައް ކާ ނަމަ ބަނޑު ފުރިފައިވާ ކަމުގެ އިހުސާސް ކުރެވޭނެ،" ޑރ. ނިކޮލާ ވިދާޅުވި އެވެ.