10 މެއި 2018 - 10:43

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ ހުކުމް އިއްވުން މިއަދު މެންދުރު ބާއްވަން ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާ ގުޅިގެން ހައްޔަރުކުރި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ ހުކުމް އިއްވުން މިއަދަށް ތާވަލް ކުރީ ރޭ އެ މައްސަލައިގެ ހުކުމް ކުރަން ތާވަލްކުރި އަޑުއެހުން ކެންސަލް ކުރުމަށް ފަހު އެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން ރެ އަށް ތާވަލްކުރި އަޑުއެހުން ދެތިން ފަހަރެއްގެ މަތިން ފަސް ކުރުމަށް ފަހު ކެންސަލް ކުރި އެވެ. އަދި އެ ހުކުމް ކުރަން ހަމަޖެހިފައި ވަނިކޮށް އަލީ ހަމީދުގެ ސިއްހީ ހާލު ގޯސްވެގެން ހޮސްޕިޓަލްގައި ރޭ އެޑްމިޓްކުރި އެވެ. ނަމަވެސް ފަރުވާ އަށް ފަހު އޭނާ ވަނީ މިއަދު ހެނދުނު ހޮސްޕިިޓަލުން ދޫކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވަން މިއަދު ހަމަޖެއްސިއިރު، ޖެމްސް ސިސްޓަމް ޑައުންކުރި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މިހާރު ވަނީ އައިސްފަ އެވެ.
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާއެއް ވެސް ދައުލަތުން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުރެ އެވެ. އެ މައްސަލަތަކުގެ ހުކުމެއް އަދި ނީއްވަ އެވެ.