10 މެއި 2018 - 10:42

ޕެރިސް (މެއި 10) - އަންނަ މަހު 14 ގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ފުލްބެކް ޑެނީ އަލްވޭސް ފިޓްވާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އަލްވޭސްގެ ކަނާތު ކަކުލުގެ ލިގަމެންޓަށް އަނިޔާވީ މިދިޔަ އަންގާރަ ދުވަހު ޕީއެސްޖީން ފްރެންޗް ކަޕް ކާމިޔާބު ކުރި މެޗުގަ އެވެ. އުމުރުން 35 އަހަރުގެ އަލްވޭސްގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާން ސާޖަރީއެއް ހަދާން ނުޖެހޭނެ ކަމަށް ޕީއެސްޖީގެ އޮފިޝަލުންނާ ހަވާލާދީ ފްރާންސް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ޕީއެސްޖީން ބުނީ ފްރެންޗު ލީގުގައި އެ ޓީމަށް ބާކީ އޮތް ދެ މެޗުގައި ޔަގީނުން ވެސް އަލްވޭސް ނުފެންނާނެ ކަމަށެވެ. ޕީއެސްޖީން ވަނީ ކުރިއަށް ދުވަސްތަކުގައި އަލްވޭސްގެ ރިހެބިލިޓޭޝަން ކަންތައްތައް ކުރިއަށްދާނީ އެ ޓީމުގެ މެޑިކަލް ޑިޕާޓްމަންޓާއި ބްރެޒިލްގެ ގައުމީ ޓީމާ ގުޅިގެންކަމަށް ބުނެފަ އެވެ.
އަލްވޭސް ވަނީ އެންމެ ފަހުން ބްރެޒިލް ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އަލްވޭސް އަކީ ބްރެޒިލްގެ ކޯޗު ޓީޓޭ ވަރަށް ގަޔާވާ ކުޅުންތެރިޔެކެވެ. ވޯލްޑް ކަޕްގެ ކުރިން ބްރެޒިލް ޓީމު ލަންޑަނުގައި ޓޮޓެންހަމްގެ ޓްރެއިނިން ސެންޓަރުގައި ކޭމްޕް ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ.
ވޯލްޑް ކަޕްގެ ކުރިން ބްރެޒިލުން އެކުވެރި ކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ނިންމައިފަ އެެވެ. އެއީ ޖޫން 3 ވަނަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް އިންގްލެންޑުގައި ކުޅޭ މެޗާއި ޖޫން 10 ވަނަ ދުވަހު އޮސްޓްރިއާއާ ދެކޮޅަށް ވިއޭނާގައި ކުޅޭ މެޗެވެ.
ކުރިން ބާސެލޯނާ އާއި ޔުވެންޓަސް އަށް ކުޅުނު އަލްވޭސް ވަނީ މިއީ އޭނާ ވޯލްޑް ކަޕުން ފެންނާނެ ފަހު ފަހަރު ކަމަށާއި މި ފަހަރު ކާމިޔާބީއެއް ހޯދަން ބޭނުންވާ ކަމަށެވެ.