އޮލިމްޕިކްސް އިން ރަޝިއާ ސަސްޕެންޑްކުރަނީ
އޮލިމްޕިކްސް އިން ރަޝިއާ ސަސްޕެންޑްކުރަނީ

ލަންޑަން (ޖުލައި 24) - މަނާ ބޭހަށް އެތުލީޓުން ޓެސްޓުކުރުމުގައި އޮޅުވާލާފައިވާތީ ރަޝިއާގެ އެއްވެސް އެތުލީޓަކަށް އަންނަ މަހު ބްރެޒިލްގައި ފަށާ ރިއޯ އޮލިމްޕިކްސްގައި ބައިވެރިނުވެވޭ ގޮތަށް އަދަބުދޭން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރަޝިއާއާ ގުޅޭގޮތުން ގޮތެއް ނިންމަން މިއަދު އައިއޯސީގެ އެގްޒެކްޓިވް ބޯޑު ބައްދަލުކުރާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އައިއޯސީން ނިންމާފައިވަނީ އަންނަ މަހު ފަށާ ރިއޯ އޮލިމްޕިކްސްގައި ރަޝިއާ އަށް ބައިވެރި ނުވެވޭ ގޮތަށް، އެންމެ ހަރުކަށި އަދަބު ދިނުމަށެވެ.

ލަންޑަންގައި 2012 ވަނަ އަހަރުގައި އޮތް އޮލިމްޕިކްސް އަށް ދިޔަ ރަޝިއާގެ އެތުލީޓުން މަނާބޭހަށް ކުރި ޓެސްޓުގައި މަކަރު ހަދާފައިވަނީ ރަޝިއާގެ ކުޅިވަރާ ބެހޭ މިނިސްޓްރީގެ އޮފިޝަލުންގެ އެހީގަ އެވެ. ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން ވަނީ ރަޝިއާގެ ގިނަ އެތުލީޓުން މަނާބޭހަށް ކުރާ ޓެސްޓުގައި މަކަރު ހަދާކަން އެނގިފައިވާ ކަމަށް ބުނެފަ އެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރަން ނިންމާފައިވާ ރަޝިއާ ކޮންޓިންޖެންޓުގައި 387 އެތުލީޓުން ހިމެނެ އެވެ.

ރަޝިއާ އަކީ އޮލިމްޕިކްސްގައި ކާމިޔާބު ގައުމެކެވެ. ހާއްސަކޮށް ސައިކްލިން އާއި ޖޫޑޯ އަދި ރެސްލިން އަކީ އެ ގައުމުން ކޮންމެ ފަހަރަކު މެޑަލް ހޯދާ އިވެންޓުތަކެވެ. އެންމެ ފަހުން ބޭއްވި ލަންޑަން އޮލިމްޕިކްސްގައި 79 މެޑަލް ހޯދައިފަ އެވެ. މެޑަލް ތާވަލުގައި އެ ޓީމު އޮތީ ހަތަރު ވަނައިގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އައިއޯސީން އަންނަނީ 2018 ވަނަ އަހަރު ދެކުނު ކޮރެއާގައި އޮންނަ ވިންޓަ އޮލިމްޕިކްސްގައި ވެސް ރަޝިއާ އަށް ބައިވެރިނުވެވޭ ގޮތް ހަދަން މަޝްވަރާކުރަމުންނެވެ.