"ޕަނިޕަޓް" އަށް ކިރިތީ އަސް ދުއްވަން ދަސްކުރަނީ
"ޕަނިޕަޓް" އަށް ކިރިތީ އަސް ދުއްވަން ދަސްކުރަނީ

އަޝުތޯޝް ގޮވަރިކާގެ ޕީރިއަޑް ޑްރާމާ "ޕަނިޕަޓް" ގައި ކުޅެން ޖެހޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ބަތަލާ ކިރިތީ ސެނަން އަސް ދުއްވަން ދަސް ކުރަން ފަށައިފިި އެވެ.

ޒުވާން ބަތަލާ ބުނީ އަޝުތޯޝްގެ ފިލްމަކުން ފުރުސަތު ލިބުމުން ވަރަށް އުފާވެފައިވާ ކަމަށާއި މިއީ އަނެއްކާ ވެސް ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށެވެ. "ޕަނިޕަޓް" ގައި ކިރިތީ ފެނިގެން ދާނީ އަރުޖުން ކަޕޫރާއި ސަންޖޭ ދަތާ އެކުގަ އެވެ.

މި ފިލްމަކީ ގިނަ އަދަދެއްގެ އެކްޝަން މަންޒަރުތަކެއް ވެސް ހިމެނޭ ފިލްމެކެވެ.

"ފިލްމްގައި އަހަރެންގެ ވެސް ވަރަށް ގިނަ އެކްޝަން މަންޒަރުތަކެއް ހިމެނޭނެ. އެހެންވެ އެކަމަށް ތައްޔާރުވުމުގެ ގޮތުން އަސް ދުއްވަން ދަސްކުރުމުގެ ޓްރޭނިންތަކެއްގެ ތެރޭގައި މިހާރު މި އުޅެނީ،" މިދިޔަ އަހަރު "ބެރިލީ ކީ ބަރްފީ" އިން ފެނިގެން ދިޔަ ބަތަލާ ބުންޏެވެ.

"ޕަނިޕަޓް" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، ފިލްމްގެ ކޮސްޓިއުމް ޑިޒައިން ކުރަނީ މަޝްހޫރު ޑިޒައިނަރު ނީތާ ލުއްލާ އެވެ. އަޝުތޯޝް މިހާރު ވަނީ ފިލްމް ޝޫޓް ކުރާނެ ހުރިހާ ލޮކޭޝަންތައް ވެސް ނިންމައި، ފިލްމްގެ ބިޔަ ސެޓްތައް ހެދުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.

ދެހާސް ސޯޅައިގައި ރިލީޒްކޮށް އާންމުންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު ރިތިކް ރޯޝަންގެ "މޮހެންޖޮ ދާރޯ" އަށް ފަހު، އަޝުތޯޝް ގެނެސްދޭ "ޕަނިޕަޓް" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޑިސެމްބަރު 6 ގަ އެވެ.

ކިރިތީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖްއާ އެކު ކުޅޭ "އަރުޖުން ޕަޓިއާލާ" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ސާޖިދު ހާންގެ "ހައުސްފުލް 4" ވެސް ހިމެނެ އެވެ.