10 މެއި 2018 - 13:49

ކުއާލަ ލަމްޕޫރު (މެއި 10) - ސިޔާސީ ކަންކަމުން އިސްތިއުފާ ދެއްވިތާ 15 އަހަރު ފަހުން މަހާތިރު މުހައްމަދު އަނެއްކާވެސް މި ވަނީ މެލޭޝިއާގެ ބޮޑު ވަޒީރުކަމުގެ މަގާމު ކާމިޔާބު ކުރައްވައިފަ އެވެ.

އުމުރުފުޅުން 92 އަހަރުގެ މަހާތިރު ވެވަޑައިގަންނަވާނީ ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ބޮޑު ވަޒީރަށެވެ. މަހާތިރު ވަނީ 1981 އިން 2003 ވަނަ އަހަރާ ހަމައަށް، 22 އަހަރު މެލޭޝިއާގެ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. މަހާތިރުގެ ވެރިކަމުގައި ވަނީ މެލޭޝިއާ އަކީ ދެކުނު އިރުމަތީ އޭޝިއާގެ އިގްތިސާދީ ގަދަ ބާރަކަށް ހަދައިފަ އެވެ. މެލޭޝިއާގެ މި ޒަމާނުގެ ތަރައްގީގެ ބައްޕަ އަކީ މަހާތިރު ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ.

މެލޭޝިއާގެ ބޮޑު ވަޒީރުކަން ކުރެއްވި ދުވަސްވަރު މަހާތިރަކީ މުސްލިމް ދުނިޔޭގައި ވެސް އަމަލީ ގޮތުން އަޑު އުފުއްލެވި ބޭފުޅެކެވެ. ސެޕްޓެމްބަރު 11 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި މަހާތިރު ވަނީ ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ އަށް ތާއިދު ކުރައްވައިފަ އެވެ.

މަހާތިރުގެ ޕަކަރަން ހަރަޕަން ކޯލިޝަނުގެ މި ކާމިޔާބީއާ ގުޅިގެން ބަރިސަން ނޭސަނަލް (ބީއެން) ކޯލިޝަނުގެ 61 އަހަރުގެ ވެރިކަން ނިމުމަކަށް އައީ އެވެ. މިއީ 1957 ވަނަ އަހަރު އިނގިރޭސިންގެ ބާރުގެ ދަށުން މިނިވަންކަން ލިބުނު ފަހުން މެލޭޝިއާގައި ސަރުކާރު ބަދަލުވާ ފުރަތަމަ ފަހަރެވެ. ނަޖީބުގެ ބައްޕާފުޅު އަދި މެލޭޝިއާގެ ދެ ވަނަ ބޮޑު ވަޒީރު ރައްޒާގު ހަސަން ވަނީ އިނގިރޭސިންގެ އަތުން މެލޭޝިއާ އަށް މިނިވަންކަން ހޯދައިދިނުމުގައި އިސްރޯލެއް އަދާ ކުރައްވައިފަ އެވެ.
އިނގިރޭސި ވިލާތުގައި އިކޮނޯމިކްސް އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ނަޖީބު ޕާލަމެންޓަށް ފުރަތަމަ އިންތިޚާބުވެވަޑައިގެންނެވީ އުމުރުން 23 އަހަރުގަ އެވެ. އެއީ ބައްޕާފުޅު އަވަހާރަވުމުން ހުސްވި ގޮނޑިއަށެވެ.
ވެރިކަން ކުރާ ޔުނައިޓެޑް މެލޭޝިއަން ނޭޝަނަލް އޮގަނައިޒޭޝަން (އަމްނޯ) އިން މަހާތިރު ވަކިވެވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން ވަނީ އިދިކޮޅު އިއްތިހާދެއް އުފައްދަވައިފަ އެވެ. މަހާތިރު ނުކުންނަވަން ޖެހުނީ ސިޔާސީ ގޮތުން އެމަނިކުފާން ތައްޔާރު ކުރެއްވި އަދި 2009 ވަނަ އަހަރުން ފެށިގެން ބޮޑު ވަޒީރުކަން ކުރައްވަމުން ގެންދެވި ނަޖީބު ރައްޒާގާ ދެކޮޅަށެވެ. ސިޔާސީ ކަންކަމުން ރިޓަޔާކުރައްވާފައި ހުންނެވުން ނިމުމަކަށް ގެންނަވައި ނަޖީބުގެ ވެރިކަން ބަދަލު ކުރަން ނުކުންނެވީ އިންވެސްޓްމަންޓް ބޭންކް 1އެމްބީޑީގެ ބޮޑު ކޮރަޕްޝަނުގައި ނަޖީބުގެ މައްޗަށް ކުރި ތުހުމަތުތަކާ އެކު އެވެ. އެ ބޭންކުން ވަނީ ނަޖީބުގެ އަމިއްލަ އެކައުންޓަށް ވެސް 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. ނަމަވެސް ފަހުން ނިންމާފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ދިން ހަދިޔާއެއްގެ ގޮތުގަ އެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައި ވަނީ 1އެމްބީޑީން 4.5 ބިލިއަން ޑޮލަރު ލޫޓުވާލާފައިވާ ކަމަށެވެ.
ސިޔާސީ ގޮތުން ނަޖީބު، 64، ކުރިއަށް ނެރުމަކީ ހެއްދެވުނު އެންމެ ބޮޑު ގޯސް ކަމަށް މަހާތިރު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ގޯސް ރަނގަޅު ކުރަން ބޭނުންވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
މަހާތިރު ވަނީ މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް، 70، މިނިވަން ކުރަން ޝާހީ އަފޫއާއްމެއް ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަންވަރަކީ މަހާތިރުގެ ކުރީގެ ނައިބް ނަމަވެސް ފަހުން ވަނީ ދެބޭފުޅުން ވަރަށް ބޮޑަށް މައްސަލަ ޖެހިފަ އެވެ. ބޮޑު ވަޒީރުކަމުން އަންވަރު ދުރުކުރީ 1998 ވަނަ އަހަރު އެވެ. އަންވަރު ފުރަތަމަ ޖަލުގައި ބަންދުކުރީ މަހާތިރުގެ ވެރިކަމުގަ އެވެ. އަންވަރު މިނިވަންވުމުން ސިޔާސީ ދާއިރާ އަށް އަލުން ނުކުންނަވައި 2013 ވަނަ އަހަރުގެ އިންތިޚާބުގައި ވަނީ ވާދަކުރައްވައިފަ އެވެ. އެކަމަކު ނަޖީބުގެ ސަރުކާރުން 2015 ވަނަ އަހަރު ވަނީ އަންވަރު ޖަލުގައި ބަންދުކޮށްފަ އެވެ. އަންވަރު މިނިވަންވުމުން އޭނާ އަށް ބޮޑު ވަޒީރުކަން ދިނުމަށް ކޯލިޝަނުގައި ވަނީ އެއްބަސްވެފަ އެވެ. އޭގެ ކުރިން އަންވަރަށް ޖެހޭނީ ޕާލަމެންޓުގެ ގޮނޑިއެއް ކާމިޔާބު ކުރާށެވެ.
ބޮޑު ވަޒީރުގެ ނައިބަކަށް ހަމަޖައްސާނީ އަންވަރުގެ އަނބިކަނބަލުން ވަން އަޒީޒާ ވަން އިސްމާއިލް އެވެ.
މެޑިކަލް ޑޮކްޓަރެއް ކަމަށްވާ މަހާތިރު ސިޔާސީ ދާއިރާ އަށް ވެންނެވީ 1964 ވަނަ އަހަރު އެވެ.