10 މެއި 2018 - 02:33

ކުއާލަ ލަމްޕޫރު (މެއި 10) - މެލޭޝިއާގައި ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބު ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދުގެ ކޯލިޝަނުން ކާމިޔާބުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.
މަހާތިރުގެ ޕަކަރަން ހަރަޕަން ކޯލިޝަނުގެ މި ކާމިޔާބީއާ ގުޅިގެން ބަރިސަން ނޭސަނަލް (ބީއެން) ކޯލިޝަނުގެ 61 އަހަރުގެ ވެރިކަން ނިމުމަކަށް އައީ އެވެ. މިއީ 1957 ވަނަ އަހަރު އިނގިރޭސިންގެ ބާރުން މިނިވަންކަން ލިބުނު ފަހުން މެލޭޝިއާގައި ސަރުކާރު ބަދަލުވާ ފުރަތަމަ ފަހަރެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އިދިކޮޅު ކޯލިޝަނުން ވަނީ ޕާލަމެންޓުގެ 112 ގޮނޑި ކާމިޔާބުކޮށްފައި ކަމަށެވެ. ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ބީއެން އަށް ލިބިފައި ވަނީ 222 މެންބަރުންގެ ޕާލަމެންޓުގެ 76 ގޮނޑި އެވެ.
މިއީ މެލޭޝިއާގެ ތާރީޚުގައި ވެސް ބޭއްވި އެންމެ ވާދަވެރި އިންތިޚާބެވެ. އުމުރުފުޅުން 92 އަހަރުގެ މަހާތިރު ވަނީ ސިޔާސީ ކަންކަމުން ރިޓަޔާކުރައްވާފައި ހުންނެވުމުން ނިމުމަކަށް ގެންނަވައި ނަޖީބުގެ ވެރިކަން ބަދަލު ކުރަން ނުކުންނަވައިފަ އެވެ.
މަހާތިރު ވިދާޅުވީ ބޮޑު ވަޒީރުކަމުގެ ހުވާ ބުރާސްފަތި ދުވަހު ކުރައްވާނެ ކަމަށެވެ. އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމާ އެކު މަހާތިރުގެ ޕަކަރަން ހަރަޕަން ނުވަތަ އެލަޔަންސް އޮފް ހޯޕުގެ ސަޕޯޓަރުން ވަނީ ވެރިރަށް ކުއާލަ ލަމްޕޫރުގެ މަގުތަކަށް ނުކުމެ އުފާފާޅު ކުރަން ފަށައިފަ އެވެ.
އިންތިޚާބުގައި ނަޖީބަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ އިންވެސްޓްމަންޓް ބޭންކް 1އެމްބީޑީގެ ބޮޑު ކޮރަޕްޝަނެވެ. އެ ބޭންކުން ވަނީ ނަޖީބުގެ އަމިއްލަ އެކައުންޓަށް ވެސް 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. ނަމަވެސް ފަހުން ނިންމާފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ދިން ހަދިޔާއެއްގެ ގޮތުގަ އެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައި ވަނީ 1އެމްބީޑީން 4.5 ބިލިއަން ޑޮލަރު ލޫޓުވާލާފައިވާ ކަމަށެވެ. ނަޖީބާ ދެކޮޅަށް މަހާތިރު ނުކުންނެވީ ވެސް އެ ބޭންކުގެ ބޮޑު ކޮރަޕްޝަނާ ގުޅިގެންނެވެ.
މަހާތިރާއި ނަޖީބަކީ ކުރިން ސިޔާސީ ގޮތުން ގާތް ދެ ބޭފުޅުން ކަމަށް ވިޔަސް މަހާތިރު ފަހުން ވަނީ ނަޖީބުގެ ކޯލިޝަނުން ވަކިވެވަޑައިގެން ސަރުކާރާ ދެކޮޅު ކޯލިޝަނެއް އުފައްދަވައިފަ އެވެ. އަދި ސިޔާސީ ގޮތުން ނަޖީބު ކުރިއަށް ނެރުމަަކީ ހެއްދެވުނު އެންމެ ބޮޑު ގޯސް ކަމަށް މަހާތިރު ވަނީ ވިދާޅުވެފަ އެވެ.
ކާމިޔާބީ އިއުލާން ކުރައްވަމުން މަހާތިރު ވަނީ މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް މިނިވަން ކުރަން ޝާހީ އަފޫއާއްމެއް ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަންވަރަކީ މަހާތިރުގެ ކުރީގެ ނައިބް ނަމަވެސް ފަހުން ވަނީ ދެބޭފުޅުން ވަރަށް ބޮޑަށް މައްސަލަ ޖެހިފަ އެވެ. އަންވަރު ފުރަތަމަ ޖަލުގައި ބަންދުކުރީ މަހާތިރުގެ ވެރިކަމުގަ އެވެ. އަންވަރު މިނިވަންވުމުން އޭނާ އަށް ބޮޑު ވަޒީރުކަން ދިނުމަށް ކޯލިޝަނުގައި ވަނީ އެއްބަސްވެފަ އެވެ. އޭގެ ކުރިން އަންވަރަށް ޖެހޭނީ ޕާލަމެންޓުގެ ގޮނޑިއެއް ކާމިޔާބު ކުރާށެވެ.