އެމެރިކާގެ ތިން ގައިދީން ނޯތު ކޮރެއާ އިން މިނިވަންކޮށްފި
އެމެރިކާގެ ތިން ގައިދީން ނޯތު ކޮރެއާ އިން މިނިވަންކޮށްފި

ޕިއޮންޔޮން (މެއި 9) - ނޯތު ކޮރެއާގައި ބަންދުކޮށްފައި ތިބި އެމެރިކާގެ ތިން ގައިދީން މިނިވަންކޮށްފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ގައިދީން ދޫކޮށްލާފައި މި ވަނީ ރައީސް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ސަމިޓް ބާއްވަން ތައްޔާރުވެފައި ވަނިކޮށެވެ. އެ ސަމިޓުގެ މަޝްވަރާތަކަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ނޯތު ކޮރެއާ އަށް ވަޑައިގެންނެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕޮމްޕެއޯއާ އެކު ތިން ގައިދީން ވެސް އެމެރިކާ އަށް މިހާރު ދަތުރު ކުރަމުންދާ ކަމަށާއި އެ މީހުން ތިބީ ރަނގަޅު ސިއްހަތެއްގައި ކަމަށެވެ. އަދި އެ ތިން ގައިދީން އެމެރިކާ އަށް ދިއުމުން ބައްދަލު ކުރާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ތިން ގައިދީން ކަމަށްވާ ކިމް ހަކް-ސޮން، ޓޯނީ ކިމް އަދި ކިމް ޑޮން-ޗޫ ނޯތު ކޮރެއާގައި ހައްޔަރުކުރީ އެ ގައުމުގެ ސަރުކާރާ އިދިކޮޅު އަމަލުތައް ހިންގަން އުޅުމުގެ ކުށުގަ އެވެ. މި ތިން މީހުންގެ ތެރޭން ދެ މީހުން ބަންދުކޮށްފައި ވަނީ ޓްރަމްޕުގެ ވެރިކަމުގައި، މިދިޔަ އަހަރު އެވެ.

ނޯތު ކޮރެއާގައި ބަންދުކޮށްފައި ތިބި އެމެރިކާގެ ތިން މީހުންގެ ތެރޭން ކިމް ހަކް-ސޮން މަސައްކަތް ކުރީ ޕިއޮންޔޮން ޔުނިވާސިޓީ އޮފް ސައެންސް އެންޑް ޓެކްނޮލޮޖީގަ އެވެ. މެއި 2017 ގައި އޭނާ ހައްޔަރު ކުރީ "ދައުލަތާ އިދިކޮޅު އަމަލެއް" ހިންގަން އުޅުމުގެ ކުށުގަ އެވެ. އޭނާ އަކީ ކޮރެއާ އަށް އުފަން މީހަކަށްވީ ނަމަވެސް 1990 ގެ އަހަރުތަކުގައި ވަނީ އެމެރިކާ އަށް ހިޖުރަކޮށްފަ އެވެ.

ކިމް ހަކް-ސޮން ހައްޔަރު ކުރުމުގެ ދެ ހަފުތާ ކުރިން ވަނީ ޓޯނީ ކިމް ހައްޔަރުކޮށްފަ އެވެ. ޕިއޮންޔޮން ޔުނިވާސިޓީގައި މަސައްކަތް ކުރި ޓޯނީ ކިމް ހައްޔަރުކޮށްފައި ވަނީ ޖާސޫސް ކުރިކަމުގެ ކުށުގަ އެވެ. އޭނާ ވަނީ އެމެރިކާގައި އެކައުންޓިން ކިޔެވުމަށް ފަހު އެ ގައުމުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފަ އެވެ.

ސައުތު ކޮރެއާ އަށް އުފަން އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކިމް ޑޮން-ޗުލް ނޯތު ކޮރެއާ އިން ހައްޔަރު ކުރީ 2015 ވަނަ އަހަރު އެވެ. ޖާސޫސް ކުރިކަމުގެ ކުށުގައި އޭނާ އަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2016 ވަނަ އަހަރު އެވެ.

ނޯތު ކޮރެއާގައި ހައްޔަރު ކުރި އެމެރިކާގެ ދަރިވަރެއް ކަމަށްވާ އޮޓޯ ވާމްބިއާ ވަނީ މިދިޔަ އަހަރު ދޫކޮށްލައިފަ އެވެ. އޭނާ ދޫކޮށްލި އިރު ވެސް ވަރަށް ބައްޔެވެ. އެމެރިކާ އަށް ގެންގޮސް މާގިނަ ދުވަހެއް ނުވަނީސް ވާމްބިއާ ވަނީ މަރުވެފަ އެވެ.