އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ހުކުމް ކުރަން މިރޭ ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ހުކުމް ކުރަން މިރޭ ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ހުކުމް އިއްވަން މިރޭ ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ އެ ދައުވާގެ ހުކުމް މިރޭ ހަމަޖެއްސި އަޑުއެހުން ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު އަޑުއެހުން ބާއްވަން ހަމަޖެހިފައި ވަނިކޮށް މިރޭ އަލީ ހަމީދުގެ ސިއްހީ ހާލު ގޯސްވުމުން އޭނާ ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.

އެ މައްސަލައިގެ ހުކުމް އިއްވަން މިއަދު ހަވީރަށް ތާވަލް ކުރުމަށް ފަހު ވަނީ މިރޭ 8:00 އަށް ހުކުމް ކުރުން ފަސްކޮށްފަ އެވެ. އަދި އޭގެފަހުން 9:30 އަށް ވެސް ހުކުމް ކުރުން ފަސްކުރި އެވެ.

އެ މައްސަލާގެ އަޑުއެހުންތައް ކުރިން ގެންދިޔައީ ސިއްރުކޮށްގެން ކަމަށްވިޔަސް މިރޭ ހުކުމް އިއްވަން ތާވަލްކުރި އަޑުއެހުން ބާއްވަން ހަމަޖެއްސީ އާންމުކޮށް، ހުޅުވާލައިގެންނެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ އެ ދައުވާގެ ހުކުމް ކުރުން މިރޭ ފަސް ކުރިއިރު، ޖެމްސް ސިސްޓަމް ޑައުންކުރަން އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ އޮތީ ހުކުމްކޮށްފަ އެވެ.

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާއެއް ވެސް ދައުލަތުން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުރެ އެވެ. އެ މައްސަލަތަކުގެ ހުކުމެއް އަދި ނީއްވަ އެވެ.