އިންތިޚާބު ކާމިޔާބުކޮށްފި ކަމަށް މަހާތިރުގެ ކޯލިޝަނުން ބުނެފި
އިންތިޚާބު ކާމިޔާބުކޮށްފި ކަމަށް މަހާތިރުގެ ކޯލިޝަނުން ބުނެފި

ކުއާލަ ލަމްޕޫރު (މެއި 9) - މެލޭޝިއާގައި މިއަދު ބޭއްވި އާއްމު އިންތިޚާބުގައި ސަރުކާރެއް އުފެއްދޭ ވަރަށް ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް އިދިކޮޅު ލީޑަރު މަހާތިރު މުހައްމަދުގެ ކޯލިޝަނުން ބުނެފި އެވެ.

މަހާތިރުގެ ކޯލިޝަނުން އެހެން ބުނި ނަމަވެސް ވޯޓު ގުނުން އަދިވެސް ދަނީ ކުރިއަށެވެ. ރަސްމީ ނަތީޖާ އަދި އިއުލާން ނުކުރެ އެވެ.

އުމުރުން 92 އަހަރުގެ މަހާތިރުގެ ޕަކަޓަން ހަރަޕަން ނުވަތަ އެލަޔަންސް އޮފް ހޯޕުން ބުނީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ކަމަށްވާ 112 ގޮނޑި މިހާރު ކާމިޔާބު ކޮށްފައިވާ ކަމަށެވެ.

އިންތިޚާބުގެ ނަތީޖާއާ ގުޅޭ ގޮތުން ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަން ކުރާ ކޯލިޝަން ބަރިސަން ނޭސަނަލް (ބީއެން) އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މަހާތިރު ވިދާޅުވީ ރަސްމީ ނަތީޖާ ސިއްރު ކުރަން އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހުރިހާ ވޯޓެއް ސައްހަތޯ ބަލައިފައި ނޫނީ ނަތީޖާއާ މެދު އެއްޗެއް ނުބުނާނެ ކަމަށެވެ.

"ރައްޔިތުން ކެތްތެރިވާނެ ކަމަށް އުއްމީދު ކުރަން. ގައުމުގެ ހުރިހާ ހިސާބަކުން މައުލޫމާތު އެއްކުރަން އަޅުގަނޑުމެންނަށް ވެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނަން،" އިލެކްޝަން ކޮމިޝަނުގެ ޗެއާމަން މުހައްމަދު ހާޝިމް އަބްދުﷲ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ނަތީޖާތައް ދައްކާ ގޮތުން ޕާލަމެންޓުގެ 222 ގޮނޑީގެ ތެރޭން މިހާތަނަށް ބީއެން ކޯލިޝަނަށް 25 ގޮނޑި ލިބިފައިވާ އިރު މަހާތިރުގެ ކޯލިޝަނަށް ލިބިފައި ވަނީ 16 ގޮނޑި އެވެ. މެލޭޝިއާގެ އެކި މީޑިއާތަކުން ހާމަކުރަމުންދާ ނަތީޖާތައް ވެސް ތަފާތެވެ. ސަރުކާރަށް ތާއިދުކުރާ ސްޓާ ނޫހުން ބުނީ މަހާތިރުގެ ޕަކަޓަން ހަރަޕަން އަށް 63 ގޮނޑި ލިބިފައިވާ އިރު ނަޖީބުގެ ބީއެން އަށް ލިބިފައި ވަނީ 41 ގޮނޑި ކަމަށެވެ.