އޮސްކާ އެވޯޑް ހޯދި ޖޯޑަން ޕީލްގެ އާ ފިލްމަކީ "އަސް"
އޮސްކާ އެވޯޑް ހޯދި ޖޯޑަން ޕީލްގެ އާ ފިލްމަކީ "އަސް"

އެންމެ ފަހުން ބޭއްވި އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް ހޯދި ބިރުވެރި ފިލްމް "ގެޓް އައުޓް" ގެ ޑައިރެކްޓަރު ޖޯޑަން ޕީލްގެ އާ ފިލްމްގެ ނަން އިއުލާންކޮށްފި އެވެ.

އަންނަ އަހަރުގެ މާޗް 15 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމްގެ ނަމަކީ "އަސް" އެވެ. ޖޯޑަން ވަނީ ފިލްމްގެ ފަސްޓްލުކް ވެސް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އޭގެ ޓެގް ލައިނަށް ބަލާ އިރު، މިއީ އަނެއްކާ ވެސް ބިރުވެރި ރަހަތަކެއް އެލުވޭނެ ފިލްމެއް ކަމަށް ބެލެވެ އެވެ. "އަސް" ގެ ޓެގް ލައިނަކަށް އިނީ "އަ ނިއު ނައިޓްމެއާ" އެވެ.

"ގެޓްއައުޓް" ގެ ބޮޑު ކާމިޔާބީ އަށް ފަހު ޖޯޑަން ކުރިން ވެސް ބުނެފައިވާ ގޮތުގައި އޭނާ ދެން ވެސް ހަދަން ބޭނުން ވަނީ ބިރުވެރި ފިލްމެކެވެ. އެކަމަކު "އަޒް" އާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހުނަރުވެރި ޑައިރެކްޓަރު ހާމައެއް ނުކުރެ އެވެ.

ވެރައިޓިން ރިޕޯޓްކޮށްފައިވާ ގޮތުގައި "އަޒް" ގެ ކާސްޓުން ފެނިގެން ދާނީ މި އަހަރު ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ހިނގި އެއް ފިލްމް ކަމަށްވާ "ބްލެކް ޕެންތާ" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ލުޕިޓާ ނިއޮންގޯ އާއި ވިންސްޓަން ޑޫކްގެ އިތުރުން އެލިޒަބަތު މޮސް އެވެ.

މި ފިލްމު ޕްރޮޑިއުސް ކުރަނީ ޖޯޑަންގެ މަންކީޕޯ ޕްރޮޑަކްޝަންސް އާއި ޔުނިވާސަލް ޕިކްޗާޒުންނެވެ. މި ފިލްމަކީ ޕީލް ލިޔެ، ޑައިރެކްޓް ކުރާ ފިލްމަކަށް ވިޔަސް، ފިލްމްގެ ކާސްޓުން އިއުލާންކޮށް، ޝޫޓިން ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ގެޓް އައުޓް" އަށް އޮސްކާގައި އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވެސް ނޮމިނޭޓްވެފަ އެވެ. އެންމެ 4.5 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި ފިލްމަށް ބޮކްސް އޮފީހުގައި 255.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ލުޕިޓާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޑިސެމްބަރުގައި ރިލީޒް ކުރާ "ލިޓްލް މޮންސްޓާޒް" އިންނެވެ. ހޫލޫގެ ސިލްސިލާ "ދަ ހޭންޑްމެއިޑްސް ޓޭލް" ގެ ސީޒަން ދޭކުން އެޒިބަތު މިހާރު ފެނިގެންދާ އިރު އޭނާ އަންނަނީ މެލީސާ މެކާތީ އާއި ޓިފެނީ ހެޑިޝްއާ އެކު "ދަ ކިޗަން" ގެ މަސައްކަތް ވެސް ކުރަމުންނެވެ.