ރޯދަމަހު އެހެން ބޭންކްތަކަށް ވުރެ ގިނަ ވަގުތު ބީއެމްއެލްއިން ހިދުމަތް ދެނީ
ރޯދަމަހު އެހެން ބޭންކްތަކަށް ވުރެ ގިނަ ވަގުތު ބީއެމްއެލްއިން ހިދުމަތް ދެނީ

މި ރޯދަމަހު އެހެން ހުރިހާ ބޭންކްތަކަށްވުރެ ގިނަ ވަގުތު ކަސްޓަމަރުންނަށް ހިދުމަތް ދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ބޭންކުގެ މާލޭގައި ހުރި ބޭންކްގެ ހުރިހާ ބްރާންޗެއް ރޯދަމަހު ހެނދުނު 10:00ން މެންދުރުފަހު 2:00 އަށް ހުޅުވަން ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް އެ ބޭންކުގެ އެހެން ބްރާންޗްތައް ހުޅުވަން ހަމަޖެހިފައި ވަނީ ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުގެ ހެޑް އޮފް ރީޓެއިލް ބޭންކިން މޫސާ ނިމާލް ވިދާޅުވީ މާލޭގައި ބޭންކިން ހިދުމަތްތަކަށް އޮންނަ ޑިމާންޑް ބޮޑުއިރު، ވީހާ ވެސް ގިނަ ބަޔަކަށް ރޯދަމަހު ހިދުމަތްތައް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައި މިވަނީ ރަމަޟާން މަހު މާލޭގެ ހުރިހާ ބްރާންޗަކުން ވެސް ހަތަރު ގަޑިއިރު ހިދުމަތްތައް ފޯރުކޮށްދޭން. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ 35 ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް 24 ގަޑިއިރު އަދިވެސް ހިދުމަތް ހޯދޭނެ. އަދި ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތްވެސް 24 ގަޑިއިރު ލިބެމުންދާނެ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ގާއިމުކޮށްފައިވާ 35 ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޕޮސިޓް ކުރުމާއި، ފައިސާނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބެންހުރެ އެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް ވެސް ރޯދަމަހު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 95 އޭޓީއެމް އާއި 5،000 ޕީއޯއެސް މާޗަންޓުން އަދި 277 ކޭޝް އޭޖެންޓުން އެ ބޭންކުން ގާއިމުކޮށްފައިވެ އެވެ.