10 މެއި 2018 - 07:31

ބޮލުގައި ރިއްސުމާއި ކެއްސުމާއި ކިނބިހި އެޅުމާއި ނޭފަތުން ފޭބުމަކީ ހަމަ އާދައިގެ ކަމަކަށް ވެދާނެ އެވެ. އަދި މި އުނދަގޫތަކާ އެކު ކާއެއްޗިއްސަށް އެލާޖިކްވުމާއި ކާ އެއްޗެހީގައި ލާ އަސްލު ރަހައިން މަހުރޫމު ވެސް ވެދާނެ އެވެ. އެކަމަކު މާ ގިނަ ދުވަހަށް މި އުނދަގޫތަކާ އެކު އުޅެން ޖެހިއްޖެ ނަމަ، ޑޮކްޓަރަށް ދައްކައިގެން، ވާ ގޮތެއް ބަލައިލުން ބުއްދިވެރި އެވެ. އުމުރުން 52 އަހަރުގެ ކެންޑްރާ ޖެކްސަނަށް ދިމާވި ކަހަލަ ހާލަތެއް މެދުވެރިވެފައި ވެސް ހުރެދާނެ އެވެ.

އެމެރިކާގެ ނެބްރާސްކާގައި އުޅޭ ކެންޑްރާ ކިޔައި ދިން ގޮތުގައި ފާއިތުވި ފަސް އަހަރު އޭނާ އުޅުނީ ރިހޭ ބޮލަކާ އެކު އަބަދު ވެސް ނޭފަތުން ފައިބާތީ އެވެ. އެ ހާލުގައި ލައްކަ ދުވަހު އުޅެފައި، އިތުރަށް މިކަން ގޯސްވާން ފެށުމުން އަލުން ޑޮކްޓަރަށް ދެއްކީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ނެބްރާސްކާ މެޑިކަލް ސެންޓަރަށް ދައްކައިގެން ހެދި ޓެސްޓްތަކުން ދެއްކީ ހައިރާންވާ ކަހަލަ ނަތީޖާއެކެވެ.
ލެބޯރެޓަރީގައި އެތައް ޓެސްޓެއް ހަދައި ބޮލުގެ ނާށިގަނޑުގެ ސީޓީ ސްކޭނެއް ވެސް ޑޮކްޓަރުން ހެދި އެވެ. ނަތީޖާ ވަރަށް ގޯހެވެ.
މިއޮތް ހުރިހާ ދުވަހު ކެންޑްރާގެ ނޭފަތުން ފޭބީ އަރިދަފުސް ކަމަށް ހީވިޔަސް ޑޮކްޓަރުން ބުނީ ނޭފަތުން ފޭބީ "ސިކުނޑީގެ ދިޔައެއް" ކަމަށެވެ. އެއަށް ކިޔަނީ ސެރެބްރޮސްޕިނަލް ފްލުއިޑް އެވެ. ޑޮކްޓަރުން ބުނި ގޮތުގައި މިއީ ސިކުނޑީގެ އިންފެކްޝަނެއް ހެދިގެން ދިމާވާ މައްސަލައެކެވެ. އަދި މިއީ ދިމާވާ ކުއްލި ހާދިސާއަކުން ވެސް ސިކުނޑި އަށް ކުރިމަތި ވެދާނެ ހާލަތެކެވެ.
މިކަމާ ގުޅިގެން ކެންޑްރާ ޖެހުނީ އޮޕަރޭޝަނެއް ވެސް ކުރާށެވެ. ނަސީބު ދިމާކުރި ގޮތުން އޮޕަރޭޝަން ކާމިޔާބުވެ، ކެންޑްރާ މިހާރު އަންނަނީ އިތުރު ފަރުވާތައް ނަގަމުންނެވެ. ޑރ. ކްރިސްޓީ ބާނެސް އާއި އޭނާގެ ޓީމުން އަންނަނީ ކެންޑްރާގެ ހާލަތު މިހާރު ވަރަށް ގާތުން މޮނިޓަ ވެސް ކުރަމުންނެވެ. ޑޮކްޓަރުންގެ ޓީމުން ވަނީ މި ވާހަކަ އެ މީހުންގެ ފޭސްބުކް ޕޭޖްގައި ވެސް ހިއްސާކޮށްފަ އެވެ.
ކެންޑްރާ ކިޔައި ދިން ގޮތުގައި އޭނާ އަށް ދިމާވި ސިއްހީ މައްސަލައިގެ އަސްލަކީ 2013 ގެ ކުރިމަތިވި ކާރު އެކްސިޑެންޓެއްގައި ބޮލަށް ލިބުނު ގެއްލުމަކަށް އެކަށީގެންވާ ފަރުވާ ނުދެވި ހުރުމުން ދިމާވި ކަމެކެވެ.
"އޮޕަރޭޝަނަށް ފަހު މިހާރު ނޭފަތުން ފޭބުން ހުއްޓިއްޖެ. އެކަމަކު އަދިވެސް ބޮލުގައި ހުންނަ ރިހުމެއް މުޅިއަކުން ނުކެނޑޭ،" އޭނާ ބުންޏެވެ.
ކެންޑްރާ އަށް އުފުލަން ޖެހުނު ތަކުލީފާ އެކު އޭނާ އެންމެންނަށް މިހާރު ދޭން އޮތީ ނަސޭހަތެކެވެ.
"އަހަރެން ބުނަން އޮތް ވާހަކައަކީ އަބަދު ނޭފަތުން ފައިބާފައި ކާއެއްޗެހިން ރަހަ ނުލުން ފަދަ މައްސަލަތައް ދިމާވާ ނަމަ، އެއީ ކީއްވެގެންވާ ކަމެއްތޯ ޑޮކްޓަރެއް ދައްކައިގެން ޗެކްކުރާށޭ،" ކެންޑްރާ ބުންޏެވެ. "އެއީ ކޮންމެ ފަހަރަކު އެލަޖީއަކުން ވާ ކަމަކަށް ނުވެދާނޭ."