10 މެއި 2018 - 07:33

އައިފޯން އަދި އައިޕެޑް ބޭނުންކުރާ މީހުންގެ ފަރުދީ ހައްގުތައް ހިމާޔަށްކޮށް ދެމެހެއްޓުމަށް އެޕަލް ކުރާ މަސައްކަތްތައް ބާރުގަދަކުރަނީ އެވެ. އެ ގޮތުގައި، ޕިންކޯޑް ޖަހައި ނުވަތަ އެ ފަދަ އެހެން މާނައެއްގައި ނަމަވެސް، އައިފޯން އަދި އައިޕެޑް ތަޅުލާފައި އޮންނަތާ ހަތް ދުވަސް ފަހުން، ލައިޓްނިން ޕޯޓް އޮޓަމެޓިކުން ތަޅުލެވޭ ފީޗާއެއް އައިއޯއެސްގައި ހިމަނަން އެޕަލް އެބަ ވިސްނަ އެވެ.
އައިއޯއެސްގައި މުޅިން އަލަށް ހިމަނާ "ޔޫއެސްބީ ރެސްޓްރިކްޓެޑް މޯޑް" ތައާރުފުކުރުމުން، އައިފޯން ބޭނުންކުރާ މީހުން ކުރަންޖެހޭހާ ވެސް ކަމަކީ އޮޕަރޭޓިން ސިސްޓަމް އަޕްޑޭޓްކުރުމެވެ. އެ ހިސާބުން އެ އައިފޯނެއްގައި ނުވަތަ އައިޕެޑްގައި "ޔޫއެސްބީ ރެސްޓްރިކްޓެޑް މޯޑް" ހިމެނުނީ އެވެ. މާނަ އަކީ ވެރި މީހާ ފިޔަވައި އެހެން މީހަކަށް އައިފޯނު ހުޅުވޭނެ ހުރިހާ ދޮރެއް އެ ހިސާބުން ބަންދުވުމެވެ.
އައިފޯނަށް މި ފަދަ ބަދަލެއް ގެންނަން އެޕަލް އަށް ވަނީ މަޖުބޫރުވެފަ އެވެ. އެޕަލް އަކީ ފަރުދީ ހައްގުތައް ހިމާޔަތްކުރުމުގައި ނަގާކިޔާ ކުންފުންޏެކެވެ. އެޕަލްގެ އުފެއްދުންތައް ބޭނުންކުރާ މީހުން އެޕަލްއާ ހަވާލުކުރާ ހައްގުތައް ހިމާޔަތްކޮށްދިނުމުގައި ދެމިތިބުމަށް އެ މީހުން ވައުދުވެ އެވެ.
މިއީ އެޕަލް އިން ބަޔަކަށް ދިން ހަރުކަށި ޖަވާބެއް ކަމަށް ސެކިޔުރިޓީ މާހިރުން ބުނެ އެވެ. އެފްބީއައި، ނެޝަނަލް ސެކިޔުރިޓީ އޭޖެންސީ އަދި އެ ފަދަ ތަންފީޒީ ބާރުތަކުން އައިފޯން ހުޅުވަން ކުރާ މަސައްކަތްތަކަށް އެޕަލް ވަނީ ނޫނެކޭ ބުނެ، އެއްބާރުލުން ނުދީފަ އެވެ. އެހެނެއް ކަމަކު، "ސެލެބްރައިޓް" އަދި "ގްރޭޝިފްޓް" ފަދަ ކުންފުނިތަކުން ވަނީ އައިފޯން ހުޅުވޭނެ ގޮތްތަކެއް އެ މީހުން އަމިއްލަ އަށް ދެނެގެންފަ އެވެ.
އެޕަލް އިން އައިއޯއެސް އަށް ގެންނަ ބަދަލުތަކަށް ފަހު، އައިފޯން ހުޅުވުމުގައި އެ ކުންފުނިތަކަށް ކާމިޔާބުނުވާނެ ކަމަށް ބުނެވެ އެވެ. އައިފޯނުގައި ހުރި މައުލޫމާތު ނެގުމަށްޓަކައި ދެން އެ މީހުންނަށް ޖެހޭނީ އެހެން ޓެކްނޮލޮޖީއެއް ހޯދާށެވެ. އެ ގޮތުގައި ލައިޓްނިން ޕޯޓް ހުޅުވަން ވަކި ޓެކްނޮޖީއެއް އަދި އައިފޯން ސްޓޯރޭޖަށް ވަދެގަތުމަށް ވަކި ޓެކްނޮލޮޖީއެއް ހޯދަންޖެހޭނެ އެވެ.
"ޔޫއެސްބީ ރެސްޓްރިކްޓެޑް މޯޑް" އާ ބެހޭ ގޮތުން އެޕަލް އިން އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ. އައިފޯން ބޭނުންކުރާ މީހުންނަށް މި ފީޗާއާ ބެހޭ ގޮތުން އެނގެންޖެހެނީ ކޮން އެއްޗެއް ކަމެއް ވެސް އަދި ނޭނގެ އެވެ.