10 މެއި 2018 - 07:35

ދީޕިކާ ޕަދްކޯންއާ އެކު ފިލްމެއްގައި މަސައްކަތް ކުރަން އެއްވެސް މައްސަލައެއް ނެތް ކަމަށް ކެޓްރީނާ ކައިފް ބުނެފި އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދެ ބަތަލާ އިން އެކްޓަރު ރަންބީރާ ކަޕޫރާ ލޯބީގެ ގުޅުމެއް ބާއްވާފައިވާތީ، އެ ހަސަދަ އާއި ރުޅިވެރިކަން އަބަދުވެސް އޮންނާނެ އެވެ. ކެޓްރީނާ އާއި ރަންބީރް ރައްޓެހިވީ، ދީޕިކާއާ ވަރަށް ސީރިއަސްކޮށް ލޯބީގެ ގުޅުމެއް ބާއްވަމުން އަންނަނިކޮށެވެ.
އޭރު ކެޓްރީނާ ރައްޓެހިވެގެން އުޅުނީ ސަލްމާން ހާނާ އެވެ. އެކަމަކު ރަންބީރު ދީޕިކާ ދޫކޮށްލައި އަދި ކެޓްރީނާ ސަލްމާން ދޫކޮށްލައި "ލިވް-އިން ރިލޭޝަންޝިޕަކަށް" ދިއުމުން ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ ދެ ތަރިން ކައިވެނި ވެސް ކުރާނެ ކަމަށެވެ. އެކަމަކު ވަކިން އެޕާޓްމަންޓެއްގައި ދެ މީހުން އެކީގައި އުޅެގެން ވެސް ކެޓްރީނާ އާއި ރަންބީރަށް ލޯބި ދެމެހެއްޓޭ ގޮތެއް ނުވި އެވެ.
ރަންބީރާ އޮތް ލޯބީގެ ގުޅުން އުންމީދު ނުކުރާ ކަހަލަ ގޮތަކަށް ނިމިގެން ދިއުމުން، ކެޓްރީނާ ބުނަނީ ދީޕިކާއާ ދޭތެރޭ އެއްވެސް ހިތްބަރު ކަމެއް ނެތް ކަމަށެވެ.
"އަހަންނަށް އެއްވެސް މައްސަލައެއް ނޫން ދީޕިކާއާ އެކު ފިލްމެއްގައި މަސައްކަތް ކުރާކަށް. ރަނގަޅު ފުރުސަތެއް ލިބިއްޖެ ނަމަ ބޭނުން ހިފާނަން،" އަނުޝްކާ ޝަރްމާ އާއި އާލިއާ ބަޓްއާ ވަރަށް ގާތް ގުޅުމެއް އޮން ބަތަލާ ހިންދުސްތާން ޓައިމްސް އަށް ބުންޏެވެ.
ކެޓްރީނާ ބުނި ގޮތުގައި ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ ގާތު، ދެ ބަތަލާއެއްގެ ބަދަހި ގުޅުން ދައްކުވައިދޭ ފިލްމެއް ހަދަން އަބަދުވެސް އޭނާ އާދޭސް ކުރެ އެވެ.
"ވަރަށް ގިނައިން މި ހިޔާލު އަދީ އަށް ދެވޭ. އަހަރެން ވަރަށް ބޭނުން އެކަހަލަ ފިލްމެއްގައި މަސައްކަތްކޮށްލަން. މިސާލަކަށް އާލިއާއާ އެކު ފިލްމެއް ކުޅެން ލިބިއްޖެއްޔާ ވެސް ވަރަށް އުފާވާނެ،" ކެޓްރީނާ ބުންޏެވެ.
ރިޕޯޓްތައް މިހާރު ބުނާ ގޮތުން އާލިއާ އާއި ރަންބީރު އުޅެނީ ރައްޓެހިވެގެންނެވެ. އެކަމަކު އާލިއާ ވަނީ އެފަދަ ގުޅުމެއް ރަންބީރާ އެކު ނެތް ކަމަށް ބުނެފަ އެވެ.
ކެޓްރީނާ މީގެ ކުރިން "ޖަބް ތަކް ހެ ޖާން" ގައި އަނުޝްކާ ޝަރްމާއާ އެކު މަސައްކަތް ކުރުމަށް ފަހު، ޝާހްރުކް ހާން ބަތަލުގެ ރޯލް ކުޅޭ "ޒީރޯ" ގައި އަނުޝްކާއާ އެކު މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ 21 ގަ އެވެ.
ކެޓްރީނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އާމިރް ހާނާއި އަމީތާބް ބައްޗަން އަދި ފާތިމާ ސަނާ ޝެއިހާ އެކު، ނޮވެމްބަރު 7 ގައި ރިލީޒް ކުރާ "ތަގްސް އޮފް ހިންދުސްތާން" އިންނެވެ.