އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 30 ގައި ބާއްވަނީ
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 30 ގައި ބާއްވަނީ

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 30 ގައި ބާއްވަން ހަމަޖައްސައިފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ އަހަރީ އާއްމު ޖަލްސާ އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 10:00 ގައި ދަރުބާރުގޭގެ ދޮށިމޭނާ މާލަމުގައި ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ އަހަރީ އާންމު ޖަލްސާގެ ނޯޓިސް މިއަދު އާއްމުކުރިއިރު، ޖަލްސާގައި ފާސްކުރުމަށް ހުށަހަޅާ އައިޓަމްތަކުގެ ތަފުސީލް ވެސް ހިމަނާފައި ވާނެ ކަމަށެވެ. އޭގެ އިތުރުން، އެސްޓީއޯގެ ހިންގާ ގަވާއިދަށް ގެންނަން ހުށަހަޅާ އިސްލާހުތަކަށް ލިބުނު ހިއްސާދާރުންގެ ކޮމެންޓްތަކާއި ހިއްސާދާރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ކުރި މަޝްވަރާތަކަށް ރިއާޔަތްކޮށް، ބޯޑުން ނިންމާފައިވާ އިސްލާހުތައް ވެސް މިއަދު އާންމުކޮށްފައި ވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، އަހަރީ އާންމު ޖަލްސާގައި ހިންގާ ގަވާއިދަށް ގެންނަން ހުށަހަޅާ އިސްލާހުތަކަށް ވޯޓަށް އަހާނީ އެ ޑޮކިއުމަންޓްގައި ވާ ގޮތަށެވެ. މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓް ކޮށްފައިވާ ހިސާބުތަކާ ބެހޭ ގޮތުން އެއްވެސް ސުވާލެއް ކުރަން ބޭނުންވާ ނަމަ ނުވަތަ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ ލިޔުމަކުން ނުވަތަ އެސްޓީއޯގެ އޭޖީއެމް ވެބްޕޭޖް މެދުވެރިކޮށް މި މަހުގެ 23 ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

މިދިޔަ އަހަރުގެ ވިޔަފާރިން ސާފު ފައިދާގެ ގޮތުގައި 211 މިލިއަން ރުފިޔާ އެސްޓީއޯ އަށް ލިބިފައިވެ އެވެ. އަދި އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 55ރ. ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމައިފަ އެވެ.