09 މެއި 2018 - 13:28

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު މުހައްމަދު ޝަކީލް، އިކޮނޮމިކް މިނިސްޓްރީ އަށް މިއަދު ބަދަލުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވައި، އޭނާގެ ސިޓީ ރައީސް އޮފީހަށް ހުށަހެޅީ މިއަދު މެންދުރެވެ. އޭގެ އިރުކޮޅެއް ފަހުން، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ޝަކީލް އިސްތިއުފާ ދެއްވިއިރު، އެ ކޮމިޝަނުގެ ރައީސަކަށް ހުންނެވި އަހްމަދު ސުލައިމާން ވެސް މީގެ މަހެއްހާ ދުވަސް ކުރިން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އައްޔަން ކުރެއްވީ، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށެވެ. އޭނާ އަކީ މިހާރު އެ ކޮމިޝަނުގެ ރައީސެވެ.
ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނަށް ބަދަލުތަކެއް މި ގެންނަނީ އެ ކޮމިޝަނުގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި، ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައި ވަނިކޮށެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ކޮމިޝަން ހިންގަމުން ދަނީ ވެރިކަން ކުރާ ޕީޕީއެމްގެ އޮފީހެއްގެ ގޮތުގަ އެވެ. އެ ހާލަތުގައި މިނިވަންކަމާއި އިންސާފުވެރިކަމާ އެކު އިންތިހާބު ނުބޭއްވޭނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ޕީޕީއެމްގެ މަސްލަހަތުތައް ހިމާޔަތްވާގޮތަށް، އެ ކޮމިޝަނުން ގިނަ ކަންކަން ކުރަމުން އަންނަ ކަމަށް ކުރާ ތުހުމަތުތައް އިލެކްޝަންސުން އަންނަނީ ދޮގު ކުރަމުންނެވެ. ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ހުރިހާ ކަމެއް ވެސް އެ ކޮމިޝަނުން ކުރަމުން އަންނަނީ ގާނޫނީ އިމުގެ ތެރެއިންނެވެ.