09 މެއި 2018 - 11:23

ޒިއުރިކް (މޭ 9) – އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވަން ރާވާފައިވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ފީފާ އަށް 11 ބިލިއަން ޑޮލަރުގެ ފައިދާއެއް ވާނެ ކަމަށް އޯގަނައިޒަރުން ބުނެފި އެވެ.
އުތުރު އެމެރިކާގެ މި ވޯލްޑް ކަޕުން 14 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ޔުނައިޓެޑް ސްޓޭޓްސް ސޮކާ ފެޑެރޭޝަނުގެ ރައީސް ކާލޯސް ކޮޑެއިރޯ ވިދާޅުވީ އެ ވޯލްޑް ކަޕް ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ ކާމިޔާބު ވޯލްޑް ކަޕަށް ކަމަށެވެ.
އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު މެޗު ބެލުމަށް ސްޓޭޑިއަމްތަކަށް ވަން މުބާރާތެވެ. އެމެރިކާގައި ފުޓްބޯޅައިގެ މަގުބޫލުކަން ކުޑައިރެއްގައި އެވަރުގެ ކާމިޔާބު މުބާރާތެއް ބޭއްވިއިރު، މިހާރު ފުޓްބޯޅައިގެ ފޯރި އޮތް ނިސްބަތަކަށް ބަލާއިރު އެމެރިކާ އަށް ކާމިޔާބު މުބާރާތެއް ބޭއްވިދާނެ ކަމާ މެދު ޝައްކެއް ނެތެވެ. އެމެރިކާއާ އެކު ބިޑުގައި ބައިވެރިވާ މެކްސިކޯގައި 1970 އާއި 1986 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވާފައިވެ އެވެ.
ވޯލްޑް ކަޕް 2026 ވަނަ އަހަރު ބޭއްވުމަށް މޮރޮކޯ އިން ވެސް ވަނީ ބިޑްކޮށްފަ އެވެ. އެފްރިކާގެ ހުޅަނގު ބިތުގައި އޮންނަ މޮރޮކޯ އިން ވަނީ އެ ގައުމުގައި ވޯލްޑް ކަޕް ބާއްވަން ޖެހޭ ސަބަބުތައް ތަފްސީލްކޮށް 193 ސޮފުހާގެ ފޮތެއް މާޗު މަހު ފީފާ އަށް ހުށަހަޅައިފަ އެވެ.
މެކްސިކޯއާ ގުޅިގެން ވޯލްޑް ކަޕް ބާއްވަން އެމެރިކާ އިން މަސައްކަތްކުރާއިރު އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެމެރިކާ އާއި މެކްސިކޯ ބޯޑަރުގައި ފާރެއް ބިނާކުރައްވާނެ ކަމަށް ރިޔާސީ ކެމްޕެއިނުގައި ވިދާޅުވެފަ އެވެ. އެކަމަކު އެމެރިކާ ފުޓްބޯޅައިގެ އިސްވެރިޔާ ކޮޑެއިރޯ ވިދާޅުވީ ފީފާ މެމްބަރުން ވޯޓްދޭއިރު ސިޔާސީ ކަންކަން އެއްފަރާތް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"(ވޯލްޑް ކަޕް) 2026 ވަނަ އަހަރު ބާއްވާނީ ކޮން ބައެއްތޯ، މި ސުވާލު ބައެއް ފަހަރު ދުނިޔޭގެ ސިޔާސީ ކަންކަމާ މަސްހުނިވޭ. އަހަރެމެން މި އެދެނީ، މިއަދުގެ ސިޔާސީ ކަންކަމުން އަހަރެމެން އިންސާފުކުރުމުގެ ބަދަލުގައި އަހަރެމެންގެ ބިޑުގައި ހުރި ފެންވަރުން އިންސާފުކޮށްދޭން،" އޭނާ ވިދާޅުވި އެވެ.
ވޯލްޑް ކަޕް ބާއްވާނެ ގައުމެއް ކަނޑައަޅާ ވޯޓް ނެގުން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ރަޝިއާގެ މޮސްކޯގައި ބާއްވާ ފީފާގެ ކޮންގްރެސްގަ އެވެ. ރަޝިއާގައި ބާއްވާ ވޯލްޑް ކަޕުގެ ޚަވާސާގެ ތެރެއިން ބާއްވާ މި ބައްދަލުވުމުގައި ނަގާ ވޯޓުގައި ފީފާގެ މެމްބަރު ކޮންމެ ގައުމަކަށް ވެސް ބަސްބުނުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ ކުރިން ވޯލްޑް ކަޕް ބާއްވާ ގައުމު ނިންމަނީ ފީފާގެ އެގްޒެކެޓިވް ކޮމިޓީންނެވެ. -- ބީބީސީ