ކިނބުލެއް އަތް ކާލުމުން ހޮސްޕިޓަލުގައި އޮވެ ކައިވެނިކޮށްފި
ކިނބުލެއް އަތް ކާލުމުން ހޮސްޕިޓަލުގައި އޮވެ ކައިވެނިކޮށްފި

ޒިމްބާބުވޭގައި ކައިވެންޏަށް ތައްޔާރުވަމުން ދިޔަ އަންހެނަކު ކޯރެއްގައި ކެނޯ ދުއްވަނިކޮށް ކިނބުލެއް ހަމަލާދީ އެއް އަތް ބުރިކޮށްލުމުން ވެސް ހޮސްޕިޓަލުގައި އޮވެ ކައިވެނިކޮށްފި އެވެ.

ޒަނޭލް ނަމަކަށް ކިޔާ މީހާގެ އަތް ކިނބޫ ކާލީ ލޯބިވެރިޔާއާ އެކު ކޯރެއްގައި ކެނޯ ދުއްވަނިކޮށެވެ. ޒިމްބާބުވޭގެ ގައުމީ މީޑިއާއިން ބުނި ގޮތުގައި ޒަނޭލް ކައިވެނިކުރީ ހޮސްޕިޓަލުގައި، ފަސްދޮޅަހަކަށް މީހުންގެ ހާޒިރުގަ އެވެ.

ޒަނޭލް އާއި އޭނާގެ ފިރިމީހާ ފޮކްސް ކައިވެނީގެ ހެދުމުގައި ނަގާފައިވާ ފޮޓޯތައް ވެސް ވަނީ އާންމުކޮށްފަ އެވެ. ކައިވެނީގެ ޒަނޭލްގެ ކައިވެނީގެ ހެދުން ލައިގެން ހުރީ ކަނާތް ބުރިވުމުން އަޅާފައިވާ ބެންޑޭޖާ ވެސް އެކުގަ އެވެ.

"އަހަރެމެން ކޯރެއްގައި ކެނޯ ދުއްވަމުން ދަނިކޮށް ކިނބޫ ހަމަ ކުއްލިއަކަށް ފުންމާލާފައި އަހަރެންގެ އެއް އަތުގެ އުޅަނބޮށިން ތިރި އެއްކޮށް ކާލީ،" އަންހެންމީހާ ނޫހަކަށް ކިޔައިދީފައިވެ އެވެ.

ޒަނޭލް ބުނީ ކިނބުލުގެ ހަމަލާއާ އެކު ކެނޯ ވެސް ބަންޑުން ޖަހާލި ކަމަށެވެ. އަދި ދެ ވަނަ ފަހަރަށް ކިނބޫ ހަމަލާ ދިން ކަމަށާއި އެކަމަކު ޓުއަ ގައިޑާއި ފިރިމީހާ ކިނބުލަށް ހަމަލާ ދިނުމުން ދޫކޮށްލާފައި ދިޔައީ ކަމަށް ޒަނޭލް ބުންޏެވެ.

"އަހަރެން އައީ ކައިވެންޏަށް ވަރަށް ބޮޑަށް ތައްޔާރުވަމުން. ހަފުލާ ބާއްވާނެ ތަނާއި އެކަހަލަ ހުރިހާ ކަމެއް އައީ ހަމަޖައްސަމުން. ކައިވެނިކުރަން ޖެހޭނީ ހޮސްޕިޓަލުގައި، ބަލި އެނދުގައި، އެއް އަތް ނެތް ހާލުގައި އޮވެގެން ކަމަށް ފަހަރެއްގައި ވެސް ހިއެއް ނުކުރަން،" ޒަނޭލް ބުނެފައިވެ އެވެ.

އެކަމަކު ޒަނޭލް ބުނީ އޭނާގެ ކައިވެންޏަކީ "އެންމެ އުފާވެރި ކައިވެނި" ކަމަށެވެ.

ޒަނޭލްގެ ފިރިމީހާ ބުނީ އަނބިމީހާއަށް ކިނބޫ ދިން ހަމަލާ އަކީ ދެ މީހުންގެ ގުޅުމަށް ބުރުލެއް އެރި ކަމެއް ނޫން ކަމަށާއި އެ ހާދިސާގެ ސަބަބުން ގުޅުން އިތުރަށް ވަރުގަދަވީ ކަމަށެވެ.