ޓްރަމްޕާއި ކިމްގެ ސަމިޓުގެ ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު ނޯތު ކޮރެއާ އަށް
ޓްރަމްޕާއި ކިމްގެ ސަމިޓުގެ ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު ނޯތު ކޮރެއާ އަށް

ޕިއޮންޔޮން (މެއި 9) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ބާއްވާ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ނޯތު ކޮރެއާ އަށް ވަޑައިގެންފި އެވެ.

ޕޮމްޕެއޯ ވިދާޅުވީ ކޮރެއާ ޕެނިންސުލާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ގުޅޭ ގޮތުން ޕްލޭނެއް ފައިނަލް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މިއީ ޕޮމްޕެއޯ ނޯތު ކޮރެއާ އަށް ވަޑައިގެންނެވި ދެ ވަނަ ފަހަރެވެ. މިދިޔަ މަހު ވެސް ޕޮމްޕެއޯ ވަނީ ނޯތު ކޮރެއާ އަށް ވަޑައިގެން ކިމްއާ ބައްދަލު ކުރައްވައިފަ އެވެ. ޕޮމްޕެއޯ ވިދާޅުވީ އެ ބައްދަލުވުމުގައި ކިމްއާ އެކު ރަނގަޅު ގުޅުމެއް އުފެއްދުނު ކަމަށެވެ.

ޕޮމްޕެއޯގެ ކުއްލި ދަތުރު ކުރައްވާފައި މި ވަނީ ނޯތު ކޮރެއާގައި މިހާރު ތިބި އެމެރިކާގެ ތިން ގައިދީން ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވާ ދުވަސްވަރެއްގަ އެވެ.

"އެމެރިކާގެ ތިން މީހުން ދޫކޮށްލުމާ މެދު ނޯތު ކޮރެއާ އިން ރަނގަޅު ފިޔަވަޅެއް އަޅާނެ ކަމަށް އުއްމީދު ކުރަން. އެކަން ކޮށްދިނުމަށް އެދޭތާ 17 މަސް ދުވަސްވެއްޖެ،" ޕޮމްޕެއޯ ވިދާޅުވި އެވެ.

ސައުތު ކޮރެއާގެ ރިޔާސީ ތަރުޖަމާނަކު ވިދާޅުވީ ކިމް އާއި ޓްރަމްޕުގެ ސަމިޓުގެ ކުރިން ގައިދީން ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށެވެ.

ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން މިދިޔަ މަހު ވަނީ ކިމްއާ އެކު ތާރީޚީ ސަމިޓެއް ބާއްވައިފަ އެވެ.