"ދިޝޫމް"ގައި ވަރުން ދަވަން އަށް ބަތަލާއެއް ނެތް
"ދިޝޫމް"ގައި ވަރުން ދަވަން އަށް ބަތަލާއެއް ނެތް

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ، ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު "ދިޝޫމް"ގައި ވަރުން އާ އެކު އެއްވެސް ބަތަލާއެއް ކާސްޓް ކޮށްފައެއް ނުވެ އެވެ. ފިލްމުގެ ބަތަލާ ޖެކްލީން ފެނާންޑެސް ކުޅެނީ ފިލްމުގެ އަނެއް އެކްޓަރު ޖޯން އެބްރަހަމްގެ ލޯބިވެރިޔާގެ ރޯލެވެ.

ފިލްމުގެ މަސައްކަތުގައި އުޅޭ މީހަކު ބުނެފައިވާ ގޮތުގައި ޖެކްލީން ކުޅެނީ ޖޯންގެ ފަހަތުން އަޅުވާލައިގެން ދާހާ ތަނަކަށް ގޮސް އުޅޭ އަންހެންކުއްޖެއްގެ ބައެވެ. ޖޯން އެއްގޮތަކަށް ވެސް އަޅާ ނުލާ އުޅުނަސް ޖެކްލީން ހުންނަނީ މި ފިލްމުގައި ޖޯންއާ ހެދި މޮޔަވެފަ އެވެ.

ވަރުން އަށް ފިލްމުގައި ބަތަލާއެއް ނެތް ކަމަށާއި ނަރްގިސް ފަޚުރީ އާއި ޕަރިނީތީ ޗޯޕްރާއާ އެކު ވަރުން ނަށާ ދެ ލަވައެއް ފިލްމުގައި ހިމެނޭ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުނެފައިވެ އެވެ.

ޕަރިނީތީ އާއި ވަރުން އެކްޓްކޮށްފައިވާ ލަވަ "ޖާނެމަން އާހް" މިހާރު ވެސް ވަރަށް ގިނަ ބައެއްގެ މަގްބޫލުކަން ވަނީ ހޯދާފަ އެވެ.

"ޑިޝޫމް" އަށް އިންޑިއާގައި ރަނގަޅު ތަރުހީބެއް ލިބޭނެކަމަށް ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ލަފާކުރެ އެވެ.

މޮރޮކޯ އާއި ޑުބާއީ ގައި ބޮޑު ބައި ޝޫޓްކޮށްފައިވާ މި ފިލްމަކީ މޮޅު އެކްޝަން މަންޒަރުތައް ގިނަ ފިލްމަކަށް ވާތީ އެފަދަ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް މި ފިލްމު ވަރަށް ކަމުދާނެކަމަށް ބެލެވެ އެވެ.